ރައްޔިތުންގެ މަޖިލީޙުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަންގަވާފައިވާކަމަށް ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ހަސަން އަފީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޞާލިހަކީ އެމްޑީޕީގެ މެމްބަރެއްކަމާއިމެދު ޝައްކު އުފެދޭކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކައެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. މިގޮތުން ޓީވީ ޗެނަލެއްގައި ވާހަކަދައްކަވަމުން އަފީފް ވަނީ ރައީސް ޞާލިހުގެ އެންމެ އަރިހުގައި މިހާރު ތިއްބަވަނީ އަދާލަތު ޕާޓީގެ މެމްބަރުންކަމަށާއި، އަދި ރައީސް ޞާލިހަކީވެސް އަދާލަތުގެ މެމްބަރެއް ނޫންކަން މިހާރު ޔަޤީންނުވާކަމަށްވެސް ވިދާޅުވެފައެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ރައީސް ޞާލިހާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކައެއްގެ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށެވެ. އެގޮތުން ރައީސް ސާލިހް ހުންނެވީ އަދާލަތު ޕާޓީގައިކަމަށް ދޭހަވާގޮތަށް ދެއްކެވި ވާހަކައާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންގަވާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައިވެސް އަފީފް ވަނީ ރައީސް ޞާލިހާއި އަދާލަތުގެ ގުޅުމުގެ ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. އެގޮތުން އަދާލަތުގެ ނާއިބް ރައީސްކަން ކުރެއްވި އަލީ ޒާހިރު ޗީފް އޮފް ސްޓާފަކަށް ބެހެއްޓެވުމުން އެމްޑީޕީގެ މެންބަރުންނަށް ވުރެ ބޮޑަށް ރައީސް ސާލިހް އަދާލަތުގެ މެންބަރުންނަށް އިތުބާރު ކުރައްވާކަން ހާމަވާކަމަށް އަފީފް ވިދާޅުވިއެވެ. އަދި ރައީސްގެ އަމަލުތައް ހުރި ގޮތުން އެމަނިކުފާނަކީ އަދާލަތު މެންބަރެއްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ ދެފެކްޝަނަކަށް ނެހިފައިވާއިރު ޕާޓީގެ ރައީސް ނަޝީދު މިހާރު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވާފައިވާކަން ވެސް އިޢުލާން ކުރަށްވާފައެވެ. ޕާޓީގެ އެންމެ އިސް ލީޑަރޝިޕްގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކާއެކު އެއްބަޔަކު ރައީސް ޞާލިހަށް ފާޅުގައި ފާޑުކިޔަމުންދާއިރު، އަނެއް ބަޔަކު ފާޅުގައި ދަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


18

ހަސަންބެ

12-Aug-2021

އަފީފުމަސައްކަތް އެކުރަނީ ކޮންމެސް ކަމެއް ހިލުވާލާނެގޮތެއް ނޭގިގެން.