މިރޭ ބޭއްވި ނޫސްކޮންފަރެންސް
މިރޭ ބޭއްވި ނޫސްކޮންފަރެންސް
އިތުރު 5000 ޕީސީއާރް ޓެސްޓް ކިޓް މާދަމާ ލިބޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓާސްކްފޯސްގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދޭ 5000 ޕީސީއާރް ޓެސްޓް ކިޓް މާދަމާ ރާއްޖެއަށް އަންނާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ ވެންޓިލޭޓަރުތައް ގެންނަނީ އެޑްވާންސްކޮށް ފައިސާ ދެއްކުމަށް ފަހު ކަމަށެވެ. އެގޮތުން، އޭގެ ތެރެއިން 10 ވެންޓިލޭޓަރު މިމަހުގެ 18 ވަނަ ދުވަހު އަންނާނެ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް މި މަހުގެ 25 ވަނަ ދުވަހު އަންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއަށް ގެންނަންޖެހޭ ވެންޓިލޭޓަރުތަކުގެ ތެރެއިން މެޑްޓެކުން ގެންނަން އެއްބަސްވެފައިވާ 50 ވެންޓިލޭޓަރުގެ ތެރެއިން މިއަދު 18 ވެންޓިލޭޓަރު ވަނީ ގެނެސްފައެވެ.

ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި ހަތް މިލިއަން ރުފިޔާއަށް 20 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ހަވާލު ކުރި އެވެ.

ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކައް މި އަހަރުގެ މާރޗް މަހުން ފެށިގެން ވަނީ ފަށާފައެވެ. ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަ ހުރި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން