އަހުމަދު މަސްނޫމް   11 އޯގަސްޓު 2021 - 18:18
ކޯވިޑް ވެކްސިން ޖަހާފައި ނުވާތީ 3 ސްކޫލެއްގެ 5 ޓީޗަރަކު މަޤާމުން އެކަހެރިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިންގެ އެއް ޑޯޒްނަމަވެސް ޖެހުމަށް ޓީޗަރުންނަށް މުހުލަތެއް ދީފައިވާކަމަށެވެ. އަދި އެ މުހުލަތު ހަމަވިއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވަނީ ތިން ސްކޫލަކުން ފަސް ޓީޗަރެއްކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެންކަމުން ވެކްސިން ނުޖަހާ ޓީޗަރުން ދަރިވަރުންނާ ގުޅޭ މަސައްކަތްތަކުން އެކަހެރިވާން އަންގާފައިވާކަމަށްވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ވެކްސިން ނުޖަހައިގެން ޓީޗަރުންތަކެއް އެކަހެރިކޮށްފައިވާއިރު، ވެކްސިން ނުޖަހާ މުވައްޒަފުން ޕީސީއާރު ޓެސްޓް ހުށަހަޅަން މަޖުބޫރުކުރުމަށް އެޗްޕީއޭއިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގާފައެވެ.

އެޗްޕީއޭއިން މިކަމާއި ގުޅޭގޮތުން ފޮނުވާފައިވާ ބައެއް ސަރކިއުލާތައް އާއްމުވެފައިވާއިރު، އެޗްޕީއޭއިން އާއްމުކޮށް މިކަން އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް "ރަސް އޮންލައިން"އަށް ވަނީ އެޗްޕީއޭއިން ސަރުކާރުގެ ބައެއް އޮފީސްތަކަށް ފޮނުވި ސަރކިއުލާ ލިބިފައެވެ.

އެޗްޕީއޭއިން އޮފީސްތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ދަތި ކުރުމުގެގޮތުން ޝަރުތުތަކެއް ކަނޑައެޅުމަށެވެ. މިގޮތުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް އޮފީހަށް ހާޒިރުވާއިރު، ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ ގޮތަށް މަޖުބޫރުކުރުމަށް ވަނީ އަންގާފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ތަފާތުކުރުންތަކެއް ގެންގުޅެން އެޗްޕީއޭއިން ނިންމާފައިވާއިރު، އެކަމާއި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ ތަހުޒީބު މުޖްތަމަޢުތަކުގައި ކަންކަން ކުރާ ގޮތް ނޫންކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަނީ، ރާއްޖެއަކީ އެންމެ ފުރަތަމަަ ވެކްސިން ފުރިހަމަ ކުރާ ގައުމަކަށް ހަދައި، ރައީސް ސާލިހަށް އެކަމުން ސިޔާސީ ފައިދާތަކެއް ނެގުމުގެ ފުރުސަތު ދިނުމެވެ.

ނަމަވެސް ކޯވިޑްގެ ނުރައްކާ ކުޑަކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ވެކްސިން ފުރިހަމަ ކުރުންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ހާމަކޮށްފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައިވެސް ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ވެސް، ވެކްސިން ނުޖަހާ މީހުންނަށް އެކި ހިދުމަތްތަކުގައި ދަތިވާ ގޮތަށް ވަނީ އުސޫލުތައް ހަދަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން