ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.

2 މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައެވެ.

އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި މިވަނީ، އޭނާއާ ގުޅޭ މައްސަލައެއްގެ އަޑުއެހުން މިއަދުގެ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތްއިރު، އެ އަޑުއެހުމަށް އޭނާ ހާޒިރުނުވުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ހުކުމް އިއްވަމުން ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގިހުރެ، އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދިޔަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާތީ މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށް ހުކުމްގައިވެއެވެ.

ސުޕްރީމްކޯޓުގެ ހުކުމްގައި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސްޕްރީމްކޯޓުން ދަމަހައްޓާނެކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން