ސަރުކާރު ހިންގާ މައިޕާޓީއަށް ލިބުނީ ކެހިވެރި މިތުރެއް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު މިހެން ވިދާޅުވީ, ވެރިކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށާއި އެކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ‏ދިވެހި ޤައުމު ދަރަނިވެރިކޮށްލައި, މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުޞަތު ދިނީ ސީދާ ރައީސް ސާލިޙުގެ ވިސްނުންފުޅުންކަން އެނގިގެން ހިގައްޖެ ކަމަށެވެ.

"މިވެރިކަން ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ. ޙަގީގީ އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު." ރައީސް ސާލިހު ވެރިކަމަށް ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރެއްވި ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ވަަރަށް މުހިންމު ކަމަށެވެ. އޮމާންކޮށް މި ސަރުކާރު ހިންގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވެނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި." ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީގައެވެ. މިއީ ރާއްޖޭގެ ތާރިޚުގައި ވެސް އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި މިހާ ބޮޑު އަޣުލަބިއްޔަތެއް ހޯދި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން