ޒަހީނުއްދީން ސަޢީދު   12 އޯގަސްޓު 2021 - 2:55
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

މީގެ ފަސް އަހަރު ކުރިން އުވާލާފައިވާ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު 21:15 ހާއިރު ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާގެ އަނބިކަނބަލުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅުއްވަނިކޮށެވެ.

ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ މީހެކެވެ. ދަގަނޑު ބުރިންް މަސްއޫދު ބޮލުގައި ޖަހަން އެމީހާ މަސައްކަތް ކުރި ނަމަވެސް ހަމަލާއިން ސަލާމަތްވުމަށް އަތް ނެގުމުން ހަމަލާ އެރީ އަތަށެވެ. މިހާދިސާގައި އޭނާގެ އަތް ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދެވިއެވެ.

މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ލ. ފޮނަދޫ / ދިލްކުސާގެ އަހުމަދު ޝަމީމްގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހާފައިވާއިރު އޭނާ އަކީ މީގެ ކުރިންވެސް އެތައް ފަހަރަކު މަސްއޫދަށް އިންޒާރުދީފައިވާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލާފައިވަނީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންނެެވެ.

މީގެ ކުރިން މަސްއޫދުގެ ކާރެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ. މަސްއޫދު ވިދާޅުވީ އޭނާއަށް ހަމަލާދިން މީހާއަކީ އޭނާ ކުރިން މަސައްކަތްތަކުގައި ކައިރީގައި ގެންގުޅުނު މީހެއް ކަމަށެވެ. ނަމަވެސް އެއީ އޭނާ އެހާ ދަންނަ މީހެއް ނޫން ކަމަށް މަސްއޫދު ވަނީ ވިދާޅުވެފައެވެެ. އަދި ތަކުރާރުކޮށް އިންޒާރުދީ ހަމަލާދޭއިރުވެސް އޭނާއާމެދު ފިޔަވަޅު އަޅާފައިނުވާކަމަށް މަސްއޫދު ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިދާރާ އިން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން