ބުރިޖު އެޅުމުގެ ނަމުގައި ހިންގަނީ މުޅީން ތަފާތު އެހެން ކަމެއްކަމަށް ޕީއެންސީގެ ނާއިބް ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ ރިޔާސީ ދައުރު ނިމުމާ ހަމައަށްވެސް މާލެއާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅައިލުމަށް ހިންގާ ބުރިޖުގެ މަޝްރޫޢު މުޅިން ނުނިމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމާ ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ ބުރިޖު މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަންނީ ޤާބިލުކަން ނެތް ކުންފުންޏަކާ ކަމަށެވެ. އަދި ބުރިޖު މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އުތުރުތިލަ ފަޅުގައި އަސްކަރީ ވަކި ހިއްޕުން ކަމަށްވެސް ސަޢީދު ތުހުމަތުކުރެއްވިއެވެ.

މީގެ ކުރިންވެސް އިންޑިޔާ ކުންފުނިތަކާ ހަވާލުކުރި ބައެއް މަޝްރޫޢުތައް ނުހިނގައި އެތައް ޒަމާނެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި ސައީދު ވަނީ ޓާޓާ ކުންފުންޏަށް މާލެއިން ދީފައިވާ ބިންތަކުގެ ތެރެއިން ނާދީ ބިމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެެވެ.

މާލޭގެ މުހިއްމު ބިންތަކެއް އެ ކުންފުންޏަށް ދިން މައްސަލައަށް އިޝާރާތްކުރައްވައި ސައީދު ވަނީ މަޖީދިއްޔާ ކައިރީގައި އޮންނަ ނާދީ ބިމުގައި އިމާރާތްކުރަން ހަވާލުކުރި މަސައްކަތް ނިންމައިލެވިއްޖެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެެެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ޞާލިޙު ވިދާޅުވީ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާނެ ކުންފުނި ކަނޑައެޅުމުގެ މަސައްކަތް ނިންމައި، އެ ކުންފުންޏަށް މިހާރު މަޝްރޫޢު އެވޯޑުވެސް ކުރެވިފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން