އެމްޑަބްލިއުއެސްސީގެ ބޭނުމަށް ބަންދުކޮށްފައި އޮތް މަގެއް ސިޓީ ކައުންސިލްގެ އެންގުމާއި އެއްގޮތަށް ހުޅުވާލާނަމަ ފެނުގެ ހިދުމަތަށް ބުރޫ އަރާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިހެން ބުނެފައި މިވަނީ، އެކުންފުނީގެ ބޭނުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން ބަންދުކޮށްފައިވާ މަގުތައް އެއް މަަަސްދުވަހުގެ ތެރޭގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން މުހުލަތު ދިނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ ސިޓީ ކައުންސިލުން އަލުން ހުޅުވާލަން އެންގި މަގުތަކަކީ މޭޔަރ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ބަންދުކުރަން ހުއްދަ ދިން މަގެއްކަމަށެވެ. އަދި އެތަނުގައި ކުރަމުންދާ މަސައްކަތުގެ ގޮތުން އެއީ ކުއްލިއަކަށް އެކަހަލަ ބަދަލެއް ގެނެވޭނެ ތަނެއް ނޫން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެގޮތުން އެއީ އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެމްއެންޑީއެފްގެ ލަފަޔާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ތަރައްގީކޮށްފައިވާ ތަނެއް ކަމަށާއި، އަދި އެ ތަނުގައި އެމްޑަބްލިއުއެސްސީގެ އަލިފާން ނިއްވާ ސާމާނާއި ފެން އުފައްދަން ބޭނުންކުރާ ތެޔޮ ރިޒާވްވެސް ހުންނާނެކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ބަންދުކޮށްފައިވާ ސަރަހައްދުގެ މުހިއްމު ކަމާއި އެތަން އެ ކުންފުންޏަށް ގެއްލިއްޖެ ނަމަ ލިބޭނެ ގެއްލުން ބަޔާންކޮށް ސިޓީ ކައުންސިލަށް ލިޔުމެއް ފޮނުވާފައިވާކަމަށާއި، އަދި އެ ސަރަަހައްދު ބަލާލުމަށް ސިޓީ ކައުންސިލަށް ދައުވަތުވެސް ދީފައިވާކަމަށެވެ.



ސިޓީ ކައުންސިލުން އެމްޑަބްލިޔުއެސްސީއަށް ހުޅުވާލާން އެންގީ އެކުންފުނީގެ ކޮއްޓާއި އާ ސަހަރާ ކޮއްޓާ ދޭތެރޭގައި އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގެވެ. ސިޓީ ކައުންސިލުން ވަނީ އެ މަގު ހުސް ކުރުމަށްފަހު، އެއް މަސް ދުވަހުގެ ތެރޭގައި ހުޅުވާލަން އަންގާފައެވެ.

އެމްޑަބްލިޔުއެސްސީގެ އިތުރުން، ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި ހުރި މަގުތަކެއްވެސް ހުޅުވާލާން ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން