ވެރިކަން ކުރުމުގެ ބާރުގެ އިތުރުން ގާނޫނު ހެދުމުގެ ބާރު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޮންޓްރޯލުގެ ދަށަށް އައިކަން އިއުލާން ކުރެއްވުމަކީ ޑިމޮކްރެޓިކް ނިޒާމުގައި ފަހަތަށް އެޅުނު ފިޔަވަޅެއްކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އެމަނިކުފާނުގެ މެޖޯރިޓީ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު އިއްޔެ ވަނީ ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އެކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތިންބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި އެއްބާރުން އަނެއް ބާރަށް ފަރާވެރިވާން ޖެހޭއިރު ދެ ބާރެއް ރައީސްގެ އަތްޕުޅުދަށުގައިވާކަން އިއުލާން ކުރެއްވުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.



"ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ އެ ފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާކަން ރަސްމީކޮށް އިއުލާން ވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް." ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ޝަހީމް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު ކަމަށެވެ. އެެހެންކަމުން މަޖިލީހުގައި އެމަނިކުފާނަށް އޮތް މެޖޯރިޓީ ދަމަހައްޓަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އޮމާންކޮށް މި ސަރުކާރު ހިންގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވެނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި." ރައީސް ވިދާޅުވި އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމްގައި ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން