ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ ދެ ފެކްޝަނަށް ބެހި ޕާޓީ ދެބައިވެ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު އިއްޔެ އާއި ހަމަޔަށްވެސް އެކަމުގައި ވަކި އެއްޗެއް ވިދާޅުނުވެ ހަނުހުންނެވުމަކީ ގިނަ ބަޔެއްގެ ފާޑުކިޔުން ރައީސަށް އަމާޒުވެގެން ދިޔަ ކަމެކެވެ. އެހެން ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކާއި ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމަށް ރައީސް ސާލިހު ވަނީ އަލިއަޅުއްވާލައްވައި ފަސްމަންޒަރު ސާފުކޮށްދެއްވާފައެވެ.

ރައީސް ސާލިޙު އިޚުތިޔާރު ކުރަށްވައިގެން ހުންނެވި ހަނު ހުންނެވުމުގެ ފުރުސަތު ދޫކޮށްލައްވައި އެމަނިކުފާނު ތޮށިގަނޑު ފަޅާލައްވައި ބޭރަށް ނުކުމެވަޑައިގެންނެވިކަން އެމަނިކުފާނު އިއްޔެ ދެއްކެވި ވާހަަކަފުޅުން ވަރަށް ބޮޑަށް ޔަގީންވިއެެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ދެފެކްޝަނަށް ބެހިފައިވާ ޕާޓީގެ ދެ ސިޔާސީ ފިކުރުގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ އޮތްބަޔަކާއި މެދު ސުވާލު އުފައްދަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނާއި ސަރުކާރަށް އޮތްކަން ރައީސް ސާލިޙު އިއްޔެ ވަނީ ވަރަށް ސާބިތުކަމާއެކު އިއުލާންކުރަށްވާފައެވެ. ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަނީ މަޖިލީހުގެ މެޖޯރިޓީއާއި އެކުގައި ކަމަށާއި އެކަން ދަމަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި." ރައީސް ސާލިހު ވިދާޅުވި އެވެ.

ހަމަގައިމުވެސް މި ވާހަކަތައް އަޑުއަހާން އެންމެ އުނދަގޫފުޅުވާނެ އެއްބޭފުޅަކީ އަނެއް ފަޅީގައި ހުންނެވި، އަދި މިހާރު ސިޔާސީ ގޮތުން ރައީސް ޞާލިހާއި ދެކޮޅަށް "ހަނގުރާމަ" އިޢުލާން ކުރަށްވައިގެން ހުންނެވި ރައީސް ނަޝީދަށެވެ. އަދި ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމުތަކުގައި ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ޞާލިހުގެ މިވާހަކަފުޅުތައް ހަޖަމު ކުރަށްވަން އެންމެ އުނދަގޫވާނެ ބޭފުޅުންގެ ތެރޭގައި ޗެއާ ޕާސަން ހަސަން ލަތީފާއި ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފުފަދަ މަޖިލީހުގެ މެންބަރުންނަށް ވެސް ހިމެނޭނެއެވެ.

ކޮންމެއަކަށް މިހާތަނަށް ވެސް މަޑުމަޑުން ހުންނެވި ރައީސް ޞާލިހު ތޮށިގަނޑު ފަޅާލައްވާފައި ނުކުމެ ވަޑައިގެން މިދެއްކެވީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. މިދެއްވީއަކީ އާދައިގެ މެސެޖެއް ވެސް ނޫނެވެ. އެއް މެސެޖަކީ ތިމަންމަނިކުފާނު ހަނު މިހުންނެވީ ދައްކަވާނެ ވާހަކަފުޅު އެނގިވަޑައި ނުގަންނަވާތީއަކީ ނޫންކަމާއި އަދި ވާހަކަފުޅު ދައްކަވާން ކެރިވަޑައި ނުގަންނަވާތީއަކީ ވެސް ނޫން ކަމެވެ. "ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ" ބުނެއުޅޭ ބީދައިން އިއްޔެ އެއިވުނީ އެފަދަ ވަރުގަދަ އަޑުތަކެވެ. މިހާތަނަށް ރައީސް ޞާލިހުގެ ފަރާތުން ނުފެންނަ ފަދަ ބޮޑެތި ކަންތައްތަކެއް، ވަރުގަދަ ވާހަކަތަކެއް އިއްޔެ އެވަނީ "ފަޅާލާފަ"އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕް ބެހިފައިވާ ކަމަށްބުނާ އެމަނިކުފާނުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަންގެ ވާހަކައިގެ ތުހުމަތު ތަކުގެ ތަފްސީލަކަށް ރައީސް ވަޑައެއް ނުގަންނަވައެވެ. ރައީސް ސާލިޙު ވިދާޅުވީ ބޮޑު ޕާޓީއެއްގައި ޚިޔާލު ތަފާތުވުން އުފެދޭނެކަމަށާއި އެހެން ބައެއް ވާހަކަތައްވެސް ވިދާޅުވާނެ ކަމަށެވެ.

"އެއީއެކީ މާ ބޮޑު ކަމަކަށް ހަދައިގެން އަޅުގަނޑު ނުކުމެ އެއަށް ޖަވާބުދާރީވާންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސާލިޙު ވިދާޅުވިއެވެ.

ސަރުކާރަށް ކުރަށްވާ ތާއިދު އަނބުރާ ގެންދަވާނެ ކަމުގެ އިޝާރާތެއް ރައީސް މުހަންމަދު ނަޝީދު ކުރަށްވާފައިވާއިރު އެމްޑީޕީއާއި ޕީޕީއެމްގުޅި ކޯލިޝަން ހެދުމުގެ ވިސްނުންފުޅު އެމްޑީޕީގެ ރައީސް، މުހަންމަދު ނަޝީދު ވަނީ ހާމަކުރައްވާފައެެވެ. ރައީސް ނަޝީދުގެ އެ ވިސްނުންފުޅަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ތާއިދުވެސް ކުރައްވާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ރައީސް ސާލިޙު ވިދާޅުވީ އެ ދެޕާޓީ ކޯލިޝަން ހެދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެެއީ އެމަނިކުފާނު ތާއިދު ކުރައްވާނެ ކަމެއްވެސް ނޫން ކަމަށެވެ.

އެމްޑީޕީގެ ނިންމުންތައް ނިންމަނީ ޕާޓީގެ ގުނަވަންތަކުން ކަމަށާއި އެފަދަ ނިންމުމެއް ނެތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެެވެ. އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އޮތް ބޮޑު ބިރެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކިތަންމެ ވަރަކަށް ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ސާލިޙު ހުންނެވީ އެންމެ ތަންކޮޅެއް ވެސް ދޫދެއްވަން ނޫންކަން އިއްޔެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން އެނގި ޔަގީންވިއެވެ.

ދެން އޮތީ ރައީސް ޔާމިނާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު ފާޅުކުރެއްވި ޚިޔާލުފުޅެވެެ. ރައީސް ސާލިޙު ވިދާޅުވީ ރައީސް ޔާމިނާއި ގުޅިވަޑައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް އެބައޮތް ކަމަށެެވެ.

"ދެޕާޓީގެ ދެ ފިކުރު އެއްވެގެން މަސައްކަތްކުރުމަކީ ސިޔާސީ ގޮތުން އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮންމެއަކަސް މަޖިލީހުގެ ސާފު މެޖޯރިޓީ އާއެކު އެމްޑީޕީގެ ފުރިހަމަ ބާރާއި އާރު އެމަނިކުފާނަށް އޮތްކަން ރައީސް އިއްޔެވަނީ ކަށަވަރުކޮށްދެއްވައިފިއެެވެ. ޚިޔާލު ތަފާތުވެފައިވާ ނަފުރަތު ބިލް މިހާރު އޮތް ގޮތަަށް ފާސްކުރުމަށް ވެސް ރައީސް ދެކޮޅެވެ. އެކަމުގައި ދޫ ދެއްވުމުގެ ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވައެވެ. ރައީސް ނަޝީދު ބޭނުންވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމަށްވެސް އެމަނިކުފާނު ތާއީދެއް ނުކުރަށްވައެވެ. ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅު ނަމަވެސް ރައީސް ޞާލިޙު ވިދާޅުވަނީ ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށެވެ. އެންމެ ބޮޑު އަދި އެންމެ ވަރުގަދަ މެސެޖަކަށް އެމަނިކުފާނު ދެއްވި މެސެޖަކީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ކަމުގެ މެސެޖެވެ. އަދި އެމްޑީޕީގެ އެންމެ ވަރުގަދަ ގުނަން ކަމަށްވާ ޕާޓީގެ ގައުމީ މަޖީހުގައި ވެސް އެމަނިކުފާނުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަން އެކަން ގަބޫލުނުކުރެވޭ ބޭފުޅުންނަށް ވަރަށް ސާފުކޮށް ކެރުވަޑައިގެން ހުންނަވައި ވިދާޅުވެ ދެއްވިއެވެ. އެމަނިކުފާނުގެ އެވާހަކަތައް ހަޖަމު ކުރަން ދަތި، އުނދަގޫ ބަޔަކަށް ސިޔާސީ ގޮތުން އެއީ ހަމަ ހަޖަމު ނުކުރެވޭ ވަރުގެ ގޮންޖެއްސެވުމެކެވެ.

މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަނެއްކާވެސް ވަރުގަދަ ޒަލްޒަލާއެއް އަންނަން އުޅޭ ކަމުގެ ކޮޅުމައްޗެވެ. ސިޔާސީ ގޮތުން ވަރުގަދަ ދެ ލީޑަރުންގެ ގަދަ ހިފުމެކެވެ. ސިޔާސީ ގޮތުން އާރާއި ބާރު އޮތްކަން ރައީސް ސާލިޙު ހާމަކުރެއްވީ ވަރަށް ކެރިވަޑައިގެން ހުންނަވައެވެ. ދެން އޮތީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނު ފަރާތްޕުޅުން އަންނާނެ ބަހުގެ ހަމަލާ އަކަށް އިންތިޒާރުކުރުމެވެެ. ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މަޖިލިސް ހުޅުވުމާއެކު ދެން ފެންނަ މަންޒަރުތަކުން މަޖިލީހުގެ މެޖޯރިޓީއާއި އާރާއި ބާރު އޮތީ ކާކަށް ކަން އާންމު ރައްޔިތުންނަށް ސާފުވެގެންދާނެއެވެ. ރިޔާސަތުގައި ތިއްބަވާނީ ރައީސް ޞާލިހާއި ސިޔާސީ ގޮތުން ފިކުރު ތަފާތު، ޚިޔާލު ތަފާތު، މަޖިލިސް ރައީސް، ރައީސް ނަޝީދާއި، ނާއިބް ރައީސް އީވާ ޢަބްދުﷲއާއި ހަސަން އަފީފެވެ. ރައީސް ނަޝީދަކީ ރައީސް ޞާލިހުގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. ރައީސް ޞާލިހުގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅެކެވެ. އީވާ ޢަބްދުﷲ އަކީ ދެފަރާތުންމެ ރައީސް ޞާލިހާއި އާއިލީ ގޮތުން އެހާ ގާތް ބޭފުޅެކެވެ. ހަސަން އަފީފަކީ ސިޔާސީ ގޮތުން ވަރަށް ގާތް އަދި މިފަހަރު އެންމެ ފުރަތަމަ ފެނިގެން ދިޔަ ސިޔާސީ "ތަޅާލުން ގަނޑުގައި" ރައީސް ޞާލިހު އެބޭފުޅެއްގެ އިނގިލީގައި ހިއްޕަވައިގެން މަޖިލީހުގެ ރައީސްކަން ހޯއްދަވައިދެއްވަން ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު މިއެންމެ ބޭފުޅުންވެސް މިތިއްބެވީ ރައީސް ޞާލިހާއި ދެކޮޅަށެވެ. އެހެންވީމާ މިފަހަރު އެޖެންޑާ ނަވާރަ އަދި މާ ތަފާތުވަނެތާއެވެ؟


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން