ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން މިހެން ބުނެފައި މިވަނީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވަނިކޮށެވެ. އެހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށްވެސް ވަނީ އަމުރުކޮށްފައެވެ.



މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ސުޕްރީމް ކޯޓުގެ ހުކުމް ކަރަކްޝަނަލް ސާވިސްއަށް ލިބިފައިވާކަމަށެވެ. އަދި އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރަމަށް ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދަންނަވާނެކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ކަރެކްޝަނަލް ސަރވިސްއިން އަމަލު ކުރާނެކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި މިވަނީ، އޭނާއާ ގުޅޭ މައްސަލައެއްގެ އަޑުއެހުން އިއްޔެ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތްއިރު، އެ އަޑުއެހުމަށް އޭނާ ހާޒިރުނުވުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ހުކުމް އިއްވަމުން ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގިހުރެ، އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދިޔަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާތީ މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށް ހުކުމްގައިވެއެވެ.

ސުޕްރީމްކޯޓުގެ ހުކުމްގައި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސްޕްރީމްކޯޓުން ދަމަހައްޓާނެކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.

އަލީ ވަހީދު މިވަގުތު ހުންނެވި އިނގިރޭސިވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން