އަހުމަދު މަސްނޫމް   13 އޯގަސްޓު 2021 - 15:37
މާލެ ސަރަހައްދުގެ ގޭގެއިން ކުރިންވެސް ކުނި ނަގަމުންއައި ގޮތަށް އެކަން ކުރަން ފަށަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމުން، ވެމްކޯއިން ވަނީ ގޭގެއަށް ވަދެ ކުނި ނެގުން ހުއްޓާލާފައެވެ. އަދި އެއަށްފަހު މިހާތަނަށް ކުނި ނަގަމުން ގެންދިޔައީ ކޮންމެ ގެޔަކުން ވެމްކޯއިން ކަނޑައަޅާފައިވާ ވަގުތުތަކެއްގައި ބޭރަށް ކުނި ނެރުމުން ކުނިނަގާ އުސޫލަކުންނެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރ މުއިއްޒު ވިދާޅުވީ، މާލޭގެ ހާލަތު އައު އާއްމު ހާލަތަކަށް ގެނެސްފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭގެއަށް ގޮސް ކުނި ނަގަން ފަށާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ މަގުމަތީގައި މިހާރު ކުނި ހުރުމުގެ ސަބަބުން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. މި ބަދަލާ އެކު، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ވެމްކޯއާވެސް މަޝްވަރާކޮށްފައިވާކަމަށެވެ. އަދި 21 ވަނަ ދުވަހުގެ ފަހުން މަގުމަތީގައި ބަހައްޓާ ކުނިވެސް ކޮންމެވެސް އުސޫލެއްގެ ތެރެއިން ނަގަމުންދާނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ގޭގެއިން ކުރިންވެސް ކުނި ނަގަމުންދިޔަ ގޮތަށް އެކަން ކުރަން ފަށަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، ވެމްކޯއިން މިކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން