މޭ 6ގެ ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގޭ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއްކަމަށް.ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެން.އެސް.ސީ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.

ކޮމިޓީ ރިޕޯޓްގައި މެއިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލާ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ޙަމަލާދިން ގޮތް ހިމެނުމުގެ ގޮތުން އެމަނިކުފާނުގެ ޕްރޮފައިލަކާއި، ތްރެޓް ލެވަލް އޮތް މިންވަރުގެ އިތުރުން ތްރެޓް ހިސްޓްރީއާއި، އިންކުއަރީން ބެލި ކަންކަން ހިމަނާފައިވެއެވެ.

ކޮމެޓީގެ ފަރާތުން މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން