ރައީސް ސާލިހުއާއި ހަސަން އަފީފް / ފޮޓޯ: ވަންއޮންލައިން
ރައީސް ސާލިހުއާއި ހަސަން އަފީފް / ފޮޓޯ: ވަންއޮންލައިން
ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަކީ އެމްޑީޕީގެ އެންމެ އިސް މެމްބަރުންގެ ގޮތުގައި ހިމެނޭ ޕާޓީގެ އެންމެ މަތީފަންތީގެ ބޭފުޅެކެވެ. އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން ޕާޓީއާ ދުރަކަށް ވަޑައެއް ނުގަންނަވައެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް މަގާމުކަމުގައިވާ، ހޯމް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އެއީ އެންމެ ސީނިއަރ އެއް މެންބަރެވެ. މިހާތަނަށް އައިއިރު އަފީފުގެ ފަރާތުން ފެނުނީ ހަރުދަނާ ސިފަތަކެކެވެ. މާ އަޑުހަރުކޮށް ވާހަކަ ނުދެއްކެވި ނަމަވެސް އެމްޑީޕީ އެތެރޭގައި އޮވެ ކުޅޭއިރުވެސް ބޭރުން ކުޅެމުންދާއިރުވެސް އޭރެއްގައި އޮންނަ އިދިކޮޅު ފަރާތްތަކަށް ވަރަށް ރީތިބަހުން ރައްދު ދެއްވައި ހަރުދަނާ ވާހަކަ ދައްކަވައި އެމްޑީޕީގެ ސަރުކާރާއި ވެރިމީހާ ދިފާޢު ކުރަށްވަން ވަރަށް ބޮޑަށް އަޑުއުފުއްލެވި ބޭފުޅެކެވެ. އެހާމަ ހަރުދަނާ ސަހުޞިއްޔަތެކެވެ.

ދެންމެ މިދަންނަވާލީ ހަސަން އަފީފު ބޭރުފުށުން ފެންނަ ފަރާތްތަކަށް އޭނާގެ ތަޢާރަފެއް ދެންޏާ ދެވޭނެ ގޮތަށެވެ. ނަމަވެސް މިފަހުން އަފީފުގެ މިޒާޖާ އަމަލުތަކަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ތަންކޮޅެއް "ޖޫނިއަރ" ކުދިން ދައްކާ ކަހަލަ ވާހަކަތައް ދައްކަވަން ފަށްޓަވައިފިއެވެ. މިދެންނެވި ފަދަ ޅަ ކުދިންނަކީ އެމްޑީޕީގެ ހަގީގަތް މާ ރަނގަޅަށް އެނގިތިބި ކުދިން ނޫންވީމާ އެމީހުން ބަސްބުނާނީ، ވާހަކާނީ އަދި އަޑުހަރުކޮށް ޒުވާބުދޭނީވެސް އެމްޑީޕީއާއި ބެހޭ މާބޮޑު އެއްޗެއް އެނގި ޕާޓީއާމެދު މާ ބޮޑު ގަދަރެއް އިހުތިރާމެއް އޮވެގެން ނޫނެވެ. އެމީހުން ދުލަށް އައި އެއްޗެއް ބުނެ ދޫކޮށްލާއިރު ފަހުން އެބަހަކީ ތިމާ އޭގެ އަޅަކަށް ވާނެ އެއްޗެއް ކަމެއް ނުދެނެހުންނާނެއެވެ. އެމްޑީޕީގެ އަސްލު މީހުންނެއް އަދި އެ ނަމާހެދި ގުރުބާނީތަކެއްވީ ބަޔަކު ތިބިކަމެއްވެސް ނޭނގޭނެއެވެ.

އަފީފްގެ ވާހަކަ މިފަހުން މީޑިއާއަށް ތިލަވެގެން އައީ، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާ ގުޅޭގޮތުން ދެއްކެވި ވަރަށް "ފީކަޅާ" ވާހަކަތަކެއްގެ ސަބަބުންނެވެ. އެމްޑީޕީ އުފައްދަން 2 ވަނައަށް ސޮއިކުރެއްވި ރައީސް ސާލިހުއަކީ އެމްޑީޕީގެ މެންބަރެއްކަމާއިމެދު އަފީފަށް ޝައްކު އުފެދުނީއެވެ. އާންމުކޮށް މީޑިއާގައި ރައްޔިތުންގެ ކުރިމަތީގައި އަފީފު އެސުވާލު އުފައްދަވައިފިއެވެ. އެފަދަ ބަހެއް ވީދާޅުވުމަކީ، އެމްޑީޕީގެ ސީނިއާރ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވިދާޅުވާން އެއްގޮތަކަށްވެސް ކަމުދާ ވާހަކައެއް ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް އުނަދަގޫވީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ. ރައީސް ސާލިހަކީ އެމްޑީޕީގެ މެމްބަރެއް ނޫންކަމަށް ވިދާޅުވީކީ އެކަންޏެއް ނޫނެވެ. އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެމްބަރެއްކަމަށް ދޭހަވާ ގޮތަށް ވެސް އަފީފް ވާހަކަ ދެއްކެވީއެވެ.

"ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއް. އެހެންވީމާ އެހެންވީމާ ޗީފް އޮފް ސްޓާފަށް. މި ދެންނެވީ އަދާލަތުގެ މެމްބަރަކަށް އެހާބޮޑު އިތުބާރެއް ކުރައްވާފައި، ރައީސް ސޯލިހުގެ އަރިހަށް ގެންނަވާނީ، އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތަށް އިތުބާރު ކުރައްވާތީ ތާ.އެހެން ނޫނީ އެތާ އެބަތިބި އެމްޑީޕީގެ ބޭފުޅުން ވެސް... އަދާލަތު ޕާޓީގެ ބޭފުޅުން ތިއްބެވީ އަރިހުގައި، ރަނގަޅު ވާހަކައެއް، އަޅުގަނޑަކަށް ނޭނގެ މިހާރު ދެން ރައީސުލްޖުމްހޫރިއްޔާ ވެސް ފަހަރެއްގައި އަދާލަތު ޕާޓީގެ ބޭފުޅަކަށް ވެދާނެ." އަފީފް ވިދާޅުވިއެވެ.



އަފީފް ދެއްކެވި ވާހަކަތަކަކަކީ ކަނޑައެޅިގެން ދޮގެއްކަން ރައީސް ސާލިހު އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުން ހާމަވެއެވެ. އަފީފު ދެއްކެވި ވާހަކައާމެދު ނޫސްވެރިން ސުވާލު އުފެއްދުމުން އެމަނިކުފާނު ޖަވާބު ދެއްވީވެސް ވަރަށް ކެރިވަޑައިގެން ހުންނަވައެވެ. އަފީފަށާއި އަދި އެކަން އޮޅިފައި ތިބި އެންމެންނަށްވެސް ވަރަށް ސާފުކޮށް، އެއްވެސް ޝައްކެއް ނެތް މިންވަރަށްވެސް އެނގި ޔަގީންވާހާ ތަފުސީލުކޮށެވެ.

"އަޅުގަނޑަކީ ހަމަ ފެށުނީއްސުރެ އެމް.ޑީ.ޕީ.ގެ މެންބަރެއް. މިއަދުވެސް މިހިރީ އެމް.ޑީ.ޕީ.ގެ މެންބަރެއްގެ ގޮތުގައި. އެމް.ޑީ.ޕީ އުފެއްދުމަށް ސޮއިކުރި ފުރަތަމަ 40 މީހުންގެ ތެރޭގައި، ދެވަނައަށް ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެކުރިން އުފައްދަން އުޅުނު ޕާޓީ، 42 މީހުން ސޮއިކުރި ލިސްޓުގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އޭގައި އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓުގައި، ވޯޓުދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭނެ" އަފީފު ދައްކަވަނީ އެއްވެސް ތާކުންތާކު ނުޖެހޭ "ހޮޅި" ވާހަކަކަން ހާމަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަސަން އަފީފް ދެއްކެވީ ސީރިއަސް ވާހަކަތަކެއް ކަމަށާއި، އެކަން ބަލަން އެމްޑީޕީގެ ޗެއަރޕާސަނަށް ދަންނަވާފައިވާނެކަމަށެވެ.

"ވިލުފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ކަހަލަ ބޭފުޅަކު އެކަހަލަ ވާހަކައެއް ދެއްކެވީމާ، އަޅުގަނޑު ޖެހޭނެ، އޭގެ ޙަޤީޤަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއަރޕަރސަނާ ގުޅިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑާ ބެހޭގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ، ނޫސްތަކުގައި ލިޔެފައި. މީގެ ޙަޤީޤަތް ބައްލަވައިދެއްވާށޭ. މި ވާހަކަ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ވިދާޅުވިތޯ ބައްލަވާށޭ. ބައްލަވާފައި، މިކަހަލަ ކަންތައް ވިޔަދީގެނެއް ނުވާނެއޭ. ޕާޓީގެ ތެރޭގައި ހުރި މިކަހަލަ މައްސަލަ އުފެދޭކަހަލަ ކަންތައްތަކަށް، ޚާއްޞަކޮށް، ސީނިއަރ ލެވެލްގެ ބޭފުޅުން އޭގެތެރެއަށް ވަނުން އެއީކީއެއް ރަނގަޅު ކަމެއް ނޫނޭ." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ހަސަން އަފީފަށް ކުއްލިއަކަށް މިވީ ކިހިނެތް ބާއޭ ގިނަ ބަޔަކު ހިތަށް އަރާނެއެވެ. ސުވާލުތައް އުފެދޭނެއެވެ. ކުއްލިއަކަށް ހަނދުމަފުޅު ނެތޭފަދަ ހާދިސާއެއް މެދުވެރިވީތޯ، ނޫނީ އަނެއްކާ އަފީފުގެ ސިކުޑިއަށް ގޮތެއްވީތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާނެއެވެ. ރައީސް ޞާލިހުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުން މަޖިލިސްގެ ރައީސްކަމަށް ވާދަކުރެއްވި ބޭފުޅަކު ރައީސް ސާލިހާ މިހާ ބޮޑަށް ދެކޮޅުވެރިވެ ހަސަދަވެރިވީމާ މީހުންގެ ހިތަށް ސުވާލުތައް އަންނާނެވެސްމެއެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަރުކާރާއި ބައެއް ބޭފުޅުންނާއިމެދު ޖެހޭ އެންމެ ބޮޑު މައްސަލައަކީ، ސަރުކާރުގެ ތެރެއިން ހިންގާ ޕްރޮޖެކްޓްތަކުގެ މައްސަލައެވެ. ވަކި ޕްރޮޖެކްޓެއް ނުލިބިގެން، ވަކި މީހަކަށް ޕްރޮޖެކްޓެއް ދީގެން ބޮޑާ ހާކާ ބޭފުޅުންނަކީ ސިޔާސީ މައިދާނުން އާއްމުކޮށް ފެންނަ ކަމެކެވެ. ވިޔަފާރީގެ މަސްލަހަތު އޮންނަ އެފަދަ ސިޔާސީ މީހުން ހިތް ރުއްސަން، ނުވަތަ އެބޭފުޅުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު އޮތްކަން ހާމަކޮށްދީ ބަސްބުނުމުގެ އަގެއްގެ ގޮތުގައި ސަރުކާރުގެ ޕްރޮޖެކްޓްތައް ދޭންޖެހޭ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

ހަސަން އަފީފަކީވެސް ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. ރާއްޖެއަށް ސިއްހީ ސާމާނު އެތެރެކުރާ ކުންފުންޏެއްކަމަށްވާ މެޑިކުއިޕް މޯލްޑިވްސްގައި އޭނާގެ މަސްލަހަތު އޮންނަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ހަސަން އަފީފް އެ ވާހަކަތައް ދޮގުކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް ދައްކާގޮތުން މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ތެރޭގައި ހިޔަލީ މުޙައްމަދު ރަޝީދާއި އިތުރު ބަޔަކު ހިމެނެއެވެ. މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ 2003 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. ސިއްހީ ދާއިރާގައި ބޭނުންކުރާ މެޝިނަރީޒާއި އެނޫންވެސް ތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.

ކޯވިޑްގެ ތެރޭގައި ސިއްހީ ސާމާނު އެތެރެކުރުމަށް ވަރަށް ގިނަ ބީލަންތައް އުޅޭނެކަން ޔަގީނެވެ. މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި ކްލިނިކެއް އަޅަން ބަޔަކާއި ހަވާލުކުރި ގޮތް ކަމުނުގޮސްގެން އަފީފް ފާޑު ވިދާޅުވިއިރު، އެ ބީލަމަށް ކުރިމަތިލި ކުންފުނިތަކުގެ ތެރޭގައި މެޑިކުއިޕް ހިމެނެއެވެ. ނަމަވެސް ބީލަން ކާމިޔާބުވީ މެމްބަރު ރޮޒައިނާ އާދަމްގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށެވެ. މީގެއިތުރުން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގެ ބީލަން ހަވާލުކުރި ގޮތާއިިމެދުވެސް ހިތްހަމަނުޖެހިގެން އަފީފް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.



ކޮންމެއަކަސް ސިއްހީ ދާއިރާއަށް ތަކެތި ގެނައުމުގައި އަމަލުކުރާ ގޮތާއިމެދު އަފީފް ފާޑު ވިދާޅުވަމުން ގޮސް، އެންމެފަހުން ގާތް އެކުވެރިއެއްގެ ގޮތުގައި މި ހުރިހާ ދުވަހަކު ދެކެމުންއައި ރައީސް ސާލިހަށްވެސް މިވަނީ އަފީފުގެ ސީދާ ފާޑުވިދާޅުވުން އަމާޒުވެފައެވެ. ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއީ ރައީސް ސާލިހުގެ މާބޮޑު މައްސަލައެއް އޮވެގެން ހިނގާ ކަންކަމެއް ނޫނެވެ. މިފަދަ ގިނަ ކަންކަމުގެ އަޑީގައި ފޮރުވިފައި އޮންނަނީ އަމިއްލަ މަސްލަހަތު ޒާތީ މަންފާތައް ކަމަށް އެމްޑީޕީގެ ގިނަ މެންބަރުންވެސް ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު