އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ހޯދަންވީ ދައުލަތަށް ގެއްލުނު ފައިސާ ކަމަށާއި އޭނާގެ މައްސަލަ ޝަރީޢަތަށް ފޮނުވައިފިނަމަ ދަޢުލަތް "އޮރިޔާންކޮށްލާނެ" ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ބޮޑު ޚިޔާނާތުގެ މައްސަލަަައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެއްވެސް ކަމެއް ޝަރީއަތުގައި ސާބިތު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ދައުވާކުރުމުގެ ބަދަލުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުން މުހިންމު ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ޚިޔާނާތުގެ މައްސަލަ އޮތްގޮތާއި ހެކިބަސް ދޭން ތިބި މީހުންނާއި ހުރި ހެއްކާއި ހުރިހާ ކަމަކަށް ބެލުމުން މުހިންމީ މީހުން ޖަލަށްލުން ނޫން ކަމަށާއި، މުހިންމު ވާންވީ ފައިސާ އަނބުރާ ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކަށް ޖިނާއީ ދައުވާކުރުމަށްވުރެ އަސްލު މާ ރަނގަޅުވާނެ ފައިސާ ހޯދަން މަސައްކަތް ކުރެވޭނެ ޖާގަ އެއް ހޯދަން އުޅުނިއްޔާ. ޖިނާއީ ދައުވާ ކުރަން އުޅެގެން މީގެން އެކަކުގެ ވެސް މައްޗަށް އެއްކަމެއްވެސް ސާބިތެއް ނުކުރެވޭނެ. ދައުލަތަށް ލިބޭނެ އެއްވެސް ފައިސާ އެއް ނޯއްނާނެ. އެއީ ރައީސް ސާލިޙު ކަމަށް ވިޔަސް މާދަމާ އެހެން ބޭފުޅަކު ރައީސްކަމަށް ވަޑައިގެންނެވިއަަސް، މިއަކުން ކޮށްދެވޭނެ އެއްވެސް ކަމެއް އެކަކަށްވެސް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު މިކަން މިއޮތްގޮތުން." މަޚުލޫފް ވިދާޅުވިއެވެ.

މަޚުލޫފް ވިދާޅުވީ ޚިޔާނާތުގެ މައްސަލަ ރައީސް ސާލިޙު ރަނގަޅަށް ބަލަން ބޭނުންނަމަ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ. އައްސަދު ކަހަލަ ބޭފުޅުން މަގާމުން ވަކިކޮށް ރަނގަޅު ބޭފުޅުން ކޮމިޝަނަށް ލާންޖެހޭ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަޚުލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށެވެ. މަހްލޫފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. މަހުލޫފުގެ މައްސަލަ ޝަރީއަތަށް ފޮނުވައިފިނަމަ އެ ވާހަކަތައް ހާމަ ކުރައްވާނެ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ އިންޒާރު ދެެއްވާފައެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމެއެވެ. މިމައްސަލައިގައި ޕީޖީ އެކިފަހަރު ވާހަކަ ދައްކަވަނީ އެކި ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން