އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ މައްސަލަ ޝަރީއަތަށް ފޮނުވައިފިނަމަ ދަޢުލަތް "އޮރިޔާންކޮށްލާނެ" ކަމަށް  ވިދާޅުވި ވާހަކަ މަހުލޫފް ތަރުޖަމާކޮށްދެއްވައިފިއެެވެ.

ރާއްޖޭގެ މީޑިޔާއަކުން ގެެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ އިންޓަގްރިޓީ އާއިމެދު ސުވާލު އުފެދޭ ޗެޓްލޮގު ތަކެއް ވެސް ހުރި ކަމަށް މަހުލޫފް ވިދާޅުވިއެެވެ.

ދައުލަތް އޮރިޔާން ކޮށްލާނެ ކަމަށް، ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވައި މަގާމުން ސަސްޕެންޑް ކޮށްފައިވާ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މަހުލޫފްގެ މި އަމަލަކީ ދައުލަތަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.



އެމައްސަލައިގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މަހުލޫފް ވިދާޅުވީ އަތްޕުޅުގައި ހުރި ޗެޓްލޮގުތަކަކީ އޭނާގެ މައްސަލަ ވަކިގޮތަކަށް ގެންދަން ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވާހަކަ ދައްކަވާފައިވާ ޗެޓްލޮގުތަކެއް ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި އެވަނީ އެއްވެސް ހެތްކެއް ނެތި ކޯޓަށް މައްސަލަ ހުށައަޅައިފިނަމަ މިމައްސަލައިގައި ދައުލަތް ހޭވި ހަޑި ހާމަވެ، އޮރިޔާންވާނެ ވާހަކަ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ކޯޓަށް މިމައްސަލަ ފޮނުވައިފި ކަމަށް ވާނަމަ ދައުލަތް އޮރިޔާންވެގެން ކޯޓުން ނުކުންނަ ދުވަހަކަށް ވާނީ އަދި އެމްއެމްޕީއާރުސީގައި އެއްވެސް މީހަކަށް އިތުރަށް ދައުވާ ނުކުރެވޭނެ ކަހަލަ ކޭސް (މަހުލޫފްގެ މައްސަލަ) އަކަށް މިކޭސް ވާނެ." މަހުލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ބޮޑު ޚިޔާނާތުގެ މައްސަލަަައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެއްވެސް ކަމެއް ޝަރީއަތުގައި ސާބިތު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ދައުވާކުރުމުގެ ބަދަލުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުން މާ މުހިންމު ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ޚިޔާނާތުގެ މައްސަލަ އޮތްގޮތާއި ހެކިބަސް ދޭން ތިބި މީހުންނާއި ހުރި ހެއްކާއި ހުރިހާ ކަމަކަށް ބެލުމުން، މުހިންމީ މީހުން ޖަލަށްލުން ނޫން ކަމަށާއި، މުހިންމު ވާންވީ ފައިސާ އަނބުރާ ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން