ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ، ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދި އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ހުޅުމާލޭގައި އިއްޔެ ބަޔަކު ވަނީ އެކަމަށް ގޮވާލާ މުޒާހަރާވެސްކޮށްފައެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށެވެ. އަދި ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ރައްޔިތުންގެ އަތުން ނަގާ ކުލިންކަމަށް ސުހައިލް ވިދާޅުވިއެވެ.

ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި 2000 ވަރަކަށް މީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ކުރީ ސަރުކާރުގައި ހިޔާ ހައުސިން ޔުނިޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5600 ރުފިޔާއެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްގެ އަގަކީ 7500 ރުފިޔާކަމަށެވެ. މީގެއިތުރަށް މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ. ކުރީ ސަރުކާރުން ހެދި އަގު ކުޑަވީ ގޯސްކޮށް ހިސާބު ޖެހުމުން ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅިވެފައެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން