އެކި ސަބަބުތަކާ ހުރެ ހިޔާ ފުލެޓްގެ އެއްބަސްވުމުގައި ސޮއިނުކުރެވި ތިބި މީހުންނަށް ހާއްސަކޮށްގެން ދެވަނަ ބުރެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ދެވަނަ ބުރުގެ ސޮއިކުރުން ނިއްމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުރަވީ ސްކޫލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށް އާންމުކުރި ލިސްޓުގައި ހިމެނޭ 300 އެއްހާ މީހުން ސޮއިކުރަން އަދިވެސް ނާންނަ ކަމަށެވެ. އެގޮތުން ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިކުރަން ނައި ނަމަވެސް ފިނިޝިން މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން މިއަދު ބުނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ފިނިޝިންް މަސައްކަތް ނިންމަން ދޭ ހަތަރު މަސް ގުނަންފަށާނެ ކަމަށެވެ. އެކަމަކު އިތުރު ސަބަބެއް ނެތި ސޮއިނުކޮށް ތިއްބި މީހުންނަށް އިތުރު މުއްދަތެއް ނުލިބޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. ސުހައިލް ވިދާޅުވީ މިހާރު ވެސް ތާވަލުކޮށްފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ފްލެޓްތަކަށް ކަރަންޓު ގުޅައި ނިމޭނެ ކަމަށެވެ. އޭރުން ފްލެޓުގެ މަސައްކަތް ކުރުމަށް އެތަނަށް މީހުންނަށް ވަދެވޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ދުރު ވިސްނުމަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މެއިންޓެންނަސް ކަންތައްތައް ބެލެހެއްޓުމަށް އަމިއްލަ ޖަމިއްޔާ އެއް ނުވަތަ ޔޫނިއަނެއް އުފެއްދުން ކަމަށެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ވަނީ ފަށާފައެވެ. މިހާތަނަށް 3،200 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އެހެން ނަމަވެސް ހިޔާ ފްލެޓް ލިބުނު ހާހެއްހާ މީހުން މައުލޫމާތު ފޯމު ފުރުމަށްފަހު އަދިވެސް ހުށަ އަޅާފައެއް ނުވެއެެވެ. ފްލެޓް ލިބުނު މީހުނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރަތަމަ ބުރު މިމަހުގެ 18 ގައި ނިންމުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެެ.

ބޮކި، ފަންކާ، އަދި ތަށިމުށި ވެސް ނުޖަހައި ހަވާލުކުރާ މި ފްލެޓްތައް ނިންމުމަށް މީގެކުރިން ދޭން ނިންމީ ތިން މަސް ދުވަހުގެ މުހުލަތެކެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް ހަތަރު މަސް ދުވަސް ފިނިޝިންގއަށް ދިނުމަށް ނިއްމާފައެެވެ. އެގޮތަށް ނިންމުމުން ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު މި ތަންތަނުގެ މަހު ކުއްޔާއި ސާވިސް ފީއަށް މަހަކު 8،500ރ. ނަގާގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން