ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފު އޭސީސީގެ ރައީސާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސާމެދު ކުރައްވާފައިވާ ތުހުމަތު ތަހުގީގުނުކޮށް ފިޔަވަޅުނާޅައި ދޫކޮށްލައިފިނަމަ އެއިން ދޭހަވަނީ ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ނެތްކަން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަސްއަދު ފަޟީހަތްވާނެ މިންވަރުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ޤައުމު ވެއްޓިފައި އޮތް ހާލަތަކީ މިނިވަން މުއައްސަސާތަކާއި ކޮމިޝަނުތަކަށް ޤާނޫނުތަކުން ލާޒިމުކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ފަދަ ހާލަތެއް ކަމަށެވެ. އަދި މަހުލޫފު ދެއްކެވިފަދަ ވާހަކައެއް ވަޒީރަކު ދެއްކެވުމުން، އެކަން ތަހުގީގުކޮށް ފިޔަވަޅުނާޅައި ދޫކޮށްލައިފިނަމަ އެކަމުން ދޭހަވަނީ ޤައުމުގައި ޤާނޫނީ ވެރިކަމެއް ނެތްކަން ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.



ރާއްޖޭގެ މީޑިޔާއަކުން ގެެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ޗެޓްލޮގު ތަކެއް ވެސް ހުރި ކަމަށް މަހުލޫފް ވިދާޅުވިއެެވެ. އެއީ އޭނާގެ މައްސަލަ ވަކިގޮތަކަށް ގެންދަން އެ ދެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް މަޚުލޫފް ވިދާޅުވިއެވެ. އެއްވެސް ހެތްކެއް ނެތި ކޯޓަށް މައްސަލަ ހުށައަޅައިފިނަމަ މިމައްސަލައިގައި ދައުލަތް ހޭވި ހަޑި ހާމަވެ، އޮރިޔާންވާނެ ވާހަކަ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވުމާ ގުޅިގެން ޔޫތް މިނިސްޓަރު ކަމުގެ މަގާމުން އޭނާ މިހާރު ވަނީ ސަސްޕެންޑުކޮށްފައެެވެ.މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމަށް ބުނެ އެވެެ. އެމައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާތާ އެތަށް ދުވަހެއް ވެފައިވާއިރު އެމައްސަލަ އާއި މެދު ދައުވާ ކުރުމާއި މެދު އަދިވެސް ގޮތެއް ނުނިމެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން