އެމްޑީޕީގެ ރައީސްގެ ގޮތުގައި ރައީސް ނަޝީދަށް އަބަދަކު ނުހުންނެވޭނެކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހްމީ ވިދާޅުވީ ތާއަބަދަށް މަރުދުވަހާ ޖެހެންދެންވެސް އެމްޑީޕީގެ ރައީސަކީ، ރައީސް ނަޝީދަށް ވާކަށް ނުޖެހޭކަމަށެވެ. އަދި އެގޮތަށް ނުވެސް ވާނެކަމަށް އަލްހާން ވިދާޅުވިއެވެ.



އަލްހާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ބައެއް އިސް މެންބަރުންގެ ނަޒަރުގައި އެޕާޓީގެ ރައީސްގެ މަގާމުގައި އަބަދުވެސް ހުންނަވަން ޖެހޭނީ ރައީސް ނަޝީދު ކަމަށް ދެކޭތީއެވެ. އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. އަދި ރައީސް ނަޝީދަށް އެމްޑީޕީގެ ތެރޭގައި އޮތް ކޮންޓްރޯލް ގެއްލެމުންދާ މަންޒަރު ފެންނަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަލްހާން ވިދާޅުވީ ދައުލަތުގެ ކިތަންމެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅެއްނަމަވެސް ހިތުހުރި ގޮތަކަށް އުޅެވިގެން ނުވާނެކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުކަމަށްވިޔަސް، ނޫނީ ރައީސް ނަޝީދު ކަމަށްވިޔަސް، އެކަން އޮންނަން ޖެހޭނީ އެ އުސޫލުންކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ޤާނޫނުގެ ވެރިކަން ހިނގަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަމަލުފުޅުތަކުން އަލްހާން މިސާލު ޖައްސަވާފައި މިވަނީ މެންބަރު ޖާބިރުގެ ފަރާތުން އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ފެންނަ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ގުޅިގެން އާއްމުންނާއި، ސިޔާސީ ފަރާތްތަކުންވެސް ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން ޖާބިރުގެ އަމަލުތަކާއި ގުޅިގެން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ހަމަ އެފަދައިން ރައީސް ނަޝީދު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ވެސް އެމްޑީޕީގެ އަސާސްތަކާއި އެމްޑީޕީ އުފެދިގެން އައި މަގުޞަދުތަކާއިވެސް ޚިލާފު ވާހަކަފުޅުތަކެއްކަން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއެވެ.

ރައީސް ނަޝީދު މިހާރު ވަނީ މިވަގުތު ޕާޓީގެ އިސްލީޑަރުގެ ގޮތުގައި ގައުމުގެ ރައީސްކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވާފައިވާ ކަމަށް އިޢުލާން ކުރަށްވާފައެވެ. މީގެއިތުރުން ރައީސް ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމާއި އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރަށްވަން ބޭނުންފުޅުވާކަންވެސް ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން