12 އަހަރުން މަތީގެ ކުދިންނަށް ކޯވިޑް ވެކްސިންދިނުމުގެ ޕްރޮގްރާމް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ފަށައިފިއެވެ.

12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު، ސްކޫލް ދަރިވަރުންގެ ތެރޭގައި ވެކްސިން ޖެހޭނެ 40 ހާހެއްހާ ދަރިވަރުން ތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އެކުދިންނަށް ދޭނީ ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށްް އެމެރިކާގެ އެހީގައި ރާއްޖެއަށްް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިނެވެ. އޭގެ އިތުރުން ފައިޒާ ވެކްސިން ޖަހާނީ މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭގެ އިޢުލާނުގައިވެއެވެ.

އެޑިއުކޭޝަނުން ބުނީ ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނޭކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ފައިޒާ ވެކްސިން ޖެހުން އިސްލާމީ މަރުކަޒުގައި މިއަދު ފަށާފައިވާއިރު، ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ އެތަނަށް ޒިޔާރަތްކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކައިގައި ވީހާވެސް ގިނަ ދަރިވަރުން އަވަހަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ބެލެނިވެރިންވެސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމްވެސް ވަނީ ވެކްސިން ޖެހުން އަވަސްކުރުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި ވެކްސިން ފުރިހަމަކުރިނަމަވެސް ރައްކާތެރިކަމުގެ ގޮތުން މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް ދެމެހެއްޓުމަށް މިނިސްޓަރ ނަސީމް އިލްތިމާސްކުރެއްވިއެވެ.

އެޗްޕީއޭ އިން ބުނީ، މާބަނޑު މީހުންނަށް އެއްވެސް ވެކްސިނެއް ނުޖަހާ ނަމަ ފައިޒާ ވެކްިސންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިން ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއައިއެފްއައި އިން ލަފާ ދީފައިވާ ނަމަަ ފައިޒާ ވެކްސިން އެފަރާތްތަކަށް ޖެހިދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މީގެއިތުރުން ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖެހިފައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފްް އެޑިއުކޭޝަނާއި އެ ދަރިވަރެއް ކިޔެވި ސްކޫލެއް މެދުވެރިކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިޒާ ވެކްސިން ޖަހައިދޭން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުން، ހެނދުނު 9:00 އިން ހަވީރު 4:00 އަށް، ހުޅުމާލެ ހޮސްޕިޓަލުން މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން، މެންދުރު 1:00 އިން ހަވީރު 4:00 އަށްކަމަށް އެޗްޕީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން