ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ސައްހަ ނޫން ބެންކް ސްލިޕްތައް ފޮނުވައިގެން ފިހާރަތަކުން މުދާ ނަގާ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތަށް އޮޅުވާލައިގެން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި މީހަކު ދާދިފަހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ފުލުހުން ބުނީ ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އިއްޔެ މާލޭގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްް ޑިޕާޓްމަންޓާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އިތުރުން ނެއިބަރ ހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް ފުލުުހުން އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން