އެއްވެސް މީހަކާމެދު ޤާނޫނާއި ހިލާފަށް އަމަލެއް ނުކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައި މިވަނީ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޕީޖީ އޮފީހުން އަމަލުކުރަމުންދަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ މަހްލޫފް ޕީޖީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މަހްލޫފްގެ ވާހަކަތަކާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކި ޤަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއްކަމަށެވެ. އަދި މައްސަލަތަކުގައި ތަޙުޤީޤީ އިދާރާތަކުން ހޯދާ ހެކި ޤަރީނާއަކީ ޤާނޫނާ އެއްގޮަތަށް ހޯދާފައިވާ ހެއްކާ ޤަރީނާކަން ކަށަވަރުކުރާކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި މަހްލޫފްގެ މައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި އެ އޮފީހުން އެއްވެސް މީހަކާމެދު ނުޙައްޤުން ޢަމަލު ނުކުރާކަމަށާއި، މިކަމުގައި އެއްވެސް އިސްތިސްނާ އެއް ނެތްކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.



ޕީޖީ އޮފީހުން ބުނީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށެވެ. އަދި މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައިވެސް ދިމާވީ އެހެންކަމަށާއި މިއީ މަހުލޫފާމެދު ތަފާތު ގޮތަކަށް ޢަމަލުކުރުންކަމަށް ނުވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ތުހުމަތުކުރެވޭ ފަރާތުން އެއޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާގޮތް ކަމަށް ވެދާނެކަމަށާއި، ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ވަނީ ޤާނޫނާ ޚިލާފަށް އެއްވެސް މީހަކާމެދު ޢަމަލު ނުކުރާނެކަމުގެ ކަށަވަރުކަން ދީފައެވެ.

ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވައި މަގާމުން ސަސްޕެންޑް ކޮށްފައިވާ މިނިސްޓަރު އަހުމަދު މަހުލޫފް ދާދިފަހުން ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ދައުވާކުރަން ފޮނުވައިފިނަމަ ދައުލަތް އޮރިޔާންކޮށްލާނެކަމަށެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މަހްލޫފަށް ފާޑު ކިޔަމުންނެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން