ޖިންސީ ގޯނާއާ ގުޅުން ހުރި ހަ ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތްކުރަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވަން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިދިޔަ ބުދަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ކަރެކްޝަން ސަރވިސް އިން ވަނީ ބުނެފައެެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައިވަނިކޮށް މީހަކު ޖާމިނުކޮށްފައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިނުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަލީ ވަހީދުގެ ޝަރީއަތުގައި އޭނާ ބައިވެރިވަނީ އޮންލައިންކޮށެވެ.

އަލީ ވަހީދު އަނބުރާ ވަޑައިނުގަތުމުން އަދި އުޅޭ ތަނެއް ނޭނގޭތީ ޗިޓު ހަވާލު ނުކުރެވެމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލަ ވެސް ކުރިއަށް ގެންދެވިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން