ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޮލިޓީ ވެގެން މެމްބަރު ކަމަށް ހޮވިވަޑައިގަންނަވާނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ވާދަކުރަށްވައިގެން ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބުދު ﷲ ރިޔާޒް އޭނާ މަޖިލީހަށް އިންތިޚާބުވީ ޖޭޕީގެ ޓިކެޓްގައި ވާދަކޮށްގެން ނޫން ކަމަށާއި، މެމްބަރު ކަމަށް އިންތިޚާބުވީ އޭނާގެ ކޮލިޓީއަށް ބަލާފައި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.

އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވީ އަބުދު ﷲ ރިޔާޒް ކޮލިޓީވެ ފުދިފައި ހުރި ބޭފުޅެއްނަމަ މަޖިލީހަށް އިންތިޚާބުވާނީ އަމިއްލަ ނަމުގައި ވާދަކޮށްގެން ކަމަށެވެ. އަދި އިންސާނާގެ ބޭނުންތަކަށްވުރެ ދަހިވެތިކަން އިސްވުމުން ދެން އޮންނާނީ އަމިއްލަ އެދުންވެރިކަމާއި ކިބުރުވެރިކަން ކަމަށް ސައުދު ވިދާޅުވިއެވެ.



"ނަތީޖާ އަކީ އެމީހުންގެ ހަނދާން ކޮށިވެ މާޒީ ނެތި ދިޔުން. މިއީ އިންސާނަކަށް ލިބޭނެ އެންމެ މުޑުދާރު ސިފަ." ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައުދު ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވި ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް ވަނީ އެޕާޓީން ވަކިވެ ވަޑައިގެން މޯލްޑިވިސް ނޭޝަނަލް ޕާޓީގެ އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފަށްޓަވާފައެެވެ. އެދޭބުފުޅުން ޕާޓީ އުފައްދަވަނީ ސީދާ ރާއްޖޭގެ ވެރިކަމުގެ ބޭނުމުގައިކަން ޕާޓީ އުފައްދަން ހުއްދަ ދިނުމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިޢުލާންކޮށްފައެވެ.

ސަޢުދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްވެސް މީގެކުރިން ވަނީ ރިޔާޒަށާއި ނާޒިމަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވެސް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ނަމުގައި އެޕާޓީގެ ފުރިހަމަ ތާއީދާ މަދަދާއެކު މަޖިލިސް ގޮޑިއަށް ވާދަކުރަށްވައިގެން ގޮނޑި ލިބިވަޑައިގެންނެވުމުން އަމިއްލަ އެދުން އިސްކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި އެފަދަ ދެތިން މެންބަރުން ޕާޓީއިން ވަކިވެގެން ދިއުމަކީ އެއްވެސް ވަރަކަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙަސަނާ

19-Aug-2021

ބުރުމާ ގާސިމް އެއީ އަމިއްލަ އެދުން ނެތް މީހެއްދޯ? ކަލޭމެން ގާސިމް ވާވައްދައިގެން ތިޔަ އުޅެނީވެސް އަމިއްލަ އެދުމެއް ނެތިދޯ? ހައްތާވެސް އެއްކަހަލަ ޖައްބާރުން.



ޓްރެންޑިން