އޭޑީކޭ ހޮސްޕިޓަލްގެ ޚިދުމަތްދޭ ކޮޓަރިއެއް
އޭޑީކޭ ހޮސްޕިޓަލްގެ ޚިދުމަތްދޭ ކޮޓަރިއެއް
ކޯވިޑް-19 އަށް ޕޮޒިޓިވްވި އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފުންނަކީ 45 ބިދޭސީން އުޅޭ ތާކުން ޕޮަޒިޓިވްވި މީހުންކަން ހާމަވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަފްއާލް ވިދާޅުވެފައިވަނީ މި 12 މީހުންނަކީވެސް ސަޕޯޓް ސްޓާފުން ކަމަށެވެ. މި މީހުންގެ ތެރެއިން ފަސް މީހުންގެ ކިބައިން ބަލީގެ ޢަލާމާތް ފެނުމާއި ގުޅިގެން އެތަނުގައި ދިރިއުޅެމުންދިޔަ އެންމެން އައިސޮލޭޓްކުރުމަށްފަހު ޓެސްޓް ކޮށްފައިވާ ކަމަށް އަފްއާލް ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

މި މީހުންނަކީ ސަޕޯޓް ސްޓާފުން ކަމަށް ވުމާއެކު މިމީހުންގެ ފުށުން އެ ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް އަންނަ އެއްވެސް ރައްޔިތަކަށް ބަލި ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށް އަފްއާލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިމީހުން ކޮންޓެކްޓް ވެފައިވަނީ އޭޑީކޭގައި މަސައްކަތް ކުރާ ކިތަން މީހުންނާ ކަމެއް އައްފާލް ހާމަ ކުރައްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި އެންމެންގެ ހާލުވެސް ރަނގަޅެވެ. އަދި މިމީހުން ދިރިއުޅެމުން ދިޔަތަން މިހާރުވަނީ މޮނިޓަރިންގެ ހާލަތައް ގެނެސް މިމީހުން ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ.

ޕޮޒިޓިވް ވި މީހުންނަކީ 45 ބިދޭސީން ދިރިއުޅެމުންދާ ތަނެއްގައި ނިދާ ކައިބޮއި ހަދަމުންދާ ބައެއްކަން ވެސް އައްފާލާ ހަވާދީ ނޫސްތަކުން ބުނެފައި ވެއެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވަމުންދާ ގިނަ ބިދޭސީންނަކީ މިފަދައިން ގިނަ ބަޔަކު ތޮއްޖެހިގެން އެއްތަނުގައި ދިރިއުޅެމުންދާ ތަންތަނުން ފެނިފައިވާ މީހުންނެވެ. މިފަދަ 33 ތަނެއް މިހާރުވެސް އެޗްޕީއޭ ގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށް އެފަރާތުން ރޭގައި ބުނެފައި ވެއެވެ. ޕޮޒިޓިވްވި އޭޑީކޭގެ 12 މުވައްޒަފުން ދިރިއުޅޭ ތަންވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މިއީ ސިއްހީ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ މިހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެކުރިން އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހަކާއި އަދި ޑޮކްޓަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. ނަމަވެސް ފަހުން ކުރި ޓެސްޓުން ނަރުސް ނައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޯވިޑް-19 އަށް މުޅި ރާއްޖެއިން މިހާތަނަށް 835 މީހުން ޕޮޒިޓިވްވެފައި ވެއެވެ. ޕޮޒިޓިވުވި 835 މީހުންގެ ތެރެއިން 559 މީހުންނަކީ ބިދޭސީންނެވެ. އަދި ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 276 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން