ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި، ހައްޔަރުނުކުރަނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގް އަދިވެސް ނުނިމޭކަމަށް ޕޮލިހުން މައުލޫމާތު ދެއްވާކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބި މީހުން ނުހޯދެނީސް ރާއްޖެ ވަޑައިގަތުމަކީ އެމަނކުފާނުގެ އާއިލާއާއި އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންވީމާ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ހިތް ހަލާސްކޮށްދެއްވައި އެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވެއެވެ. އަދި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވާއިރު، ގާނޫނުތަކާއި ގަވާއިދުގެތަކުގެ ތެރެއިން މަޖިލީހުގެ ކަންކަން ނާއިބު ރައިސް އީވާ އަބްދުﷲ ކުރިއަށްގެންދަވާނެ ކަމާއިމެދު ޝައްކެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހުންނެވިނަމަވެސް މަޖިލީހާއި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.



ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާކަން ހާމަކުރައްވާފައި ވާއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ ސެޕްޓެމްބަރުމަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު މިވަގުތު ހުންނެވި އިނގިރޭސިވިލާތުގައެވެ. އިނގިރޭސިވިލާތަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތުން ފަރުވާ ހޯއްދެވުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން