ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

މިދިޔަ މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މައްސަލައިގައި ޖުމްލަ 10 މީހުން ފުލުހުން ހައްޔަރުކުރިއެވެ. އޭގެތެރެއިން ތަހުގީގު ނިއްމައި މިހާތަނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އަހުމަދު އަދުހަމް (23އ)، އާއި މުޖާޒް އަހްމަދު (21އ) އަދި ތަހުމީން އަހްމަދު (32އ)، ގެ މައްޗަށެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ މުހައްމަދު އިބްރާހިމް ވިދާޅުވީ ބޮން ގޮއްވި މީހުންގެ މައްސަލަތައް ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާކަމަށެވެ. އެެހެން ނަމަވެސް މައްސަލަތައް ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އެކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އެމައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން އަދުހަމަކީ ފާރަލުމަށްފަހު ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާ ކަމަށާއި، މުޖާޒަކީ އޭނާ ފިލުވުމަށް އެހީތެރިވެދިން މީހާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި ތަހުމީނަކީ ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރި މީހާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން ބޮން ގޮއްވާލި އަދުހަމް ކުށަށް އެއްބަސްވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިތުރު މީހުންގެ ތެރޭގައި ހިމެނެނީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި ވަނީ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅާ ހަމައަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް ސައިކަލެއްގެ މަޑިދަށުގައި އޮތް އައިއީޑީއެއް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލައިގެންނެވެ. ބޮންގޮވުމާއެކު އެއަށް އަޅާފައި ހުރި ބެއާރިންގ ބޯޅައިގެ 10 ފުށް ރައީސް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލާފައި ވަދެގެން ގޮސްފައިވާ ކަމަށް އޭޑީކޭ ގޮސްޕިޓާގެ ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާއިރު، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނުގެ ސާޖަރީތަކެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ކޮށްފައެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަން ވިލާތުން ބޭސް ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސި ވިލާތުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން