ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއީ ދަރަނި ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދައުލަތުން ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތައާރަފްކުރީ 10 ސެޕްޓެމްބަރ 2006 ގައެވެ. އޭރުން ފެށިގެން އެމަސައްކަތް ކުރަމުންދިޔައީ އެމްއެމްއޭއިންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންދިޔަ އެމަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، އެމްއެމްއޭގެ ޤަވަރުނަރ އަލީ ހާޝިމް ބައިވެރިވެވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފިނޭންސްގެ ދަށަށް އެމަސައްކަތް ބަދަލުކުރުމުން ދަރަނި ބަލަހައްޓާ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. އަދި މިއީ ދުނިޔޭ މާލީ އިދާރާތަކާއި ތަޖުރިބާކާރުންގެ ލަފަޔާއި އެސެސްމަންޓްތަކުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލެއްކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންނަށް ސެކަންޑްރީ މާކެޓް ޑިވެލޮޕްކުރުމަށާއި އަދި އަޅުގަނޑުމެންގެ ދައުލަތުގެ ސެކިއުރިޓީސް މާކެޓް ޑިވެލޮޕްކުރުމަށް ވަރަށް ބޮޑެތި އިތުރު ކުރިއެރުންތައް ލިބިގެންދާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އަދި އެމްއެމްއޭގެ މިހާރުގެ ޤަވަރުނަރ އަލީ ހާޝިމް ވިދާޅުވީ، ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ކުރީގެ ހުރިހާ ފިނޭންސް މިނިސްޓަރުން ވެސް މަސައްކަތްކުރެއްވިކަމަށެވެ. ނަމަވެސް އެމަސައްކަތުގައި ކާމިޔާބު ހޯއްދެވީ މިނިސްޓަރ އަމީރުކަން ގަވަރނަރ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރުން ދަނީ ތަފާތު އެކި މާކެޓްތަކަށް ބޮންޑް ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި މިކަން ނުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން