ކ-ވ: އަލީ ވަހީދު، އަހުމަދު ހައިލަމް
ކ-ވ: އަލީ ވަހީދު، އަހުމަދު ހައިލަމް
ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިންޓަޕޯލް ނޯޓިސް ނެރެދިނުމަށް ފުލުހުން އެދެނީ ކޮންކޯޓަކުން ބާރު ލިބިގެންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލުކުރައްވައިފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިދިޔަ ބުދަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ.

ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އަލީވަހީދުގެ ޑްރާމާ ސިލްސިލާގެ އާބޮޅެއް އަނެއްކާވެސް ވަނީ ފެށިފައެވެ. ހައިލަމް އެ ފާހަގަ ކުރަށްވާ ގޮތަށް އެހުކުމަށްފަހު ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަލީވަހީދު ރާއްޖެއިން ބޭރުން ގެންނަވާހަކައާއި އިންޓަރޕޯލް މެދުވެރިކޮށް ނޯޓިސް ނެރޭ ވާހަކައެއް ސްޕްރީމް ކޯޓުގެ ހުކުމަކު ބަޔާންކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ އަލީ ވަހީދުގެ މައްޗަށް އިންޓަރޕޯލް ނޯޓިހެއް ނެރުމަށް ފުލުހުން އެދެނީ ކޮން ކޯޓެެއްގެ އަމުރަކުން ބާރު ލިބިގެންތޯ ސުވާލު ކުރައްވާފައެެވެ.



"އެއީ ސްޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގެ ހުކުމް ތަންފީޒު ކުރަންތޯ؟" ހައިލަމް ސުވާލު ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް ކޯޓުގެ ހުއްދައާއެކު ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ވަނީ މީހަކު ޖާމިނުކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އޭގެ ފަހުން އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެެވެ. ދިވެހިރާއްޖޭގެ އެމްބަސީގެ ފުރިހަމަ ހިމާޔަތުގައެވެ. އަލީ ވަހީދު ވަނީ އެމްބަސީ މެދުވެރިކޮށް ކޯޓުގެ އަޑުއެހުމެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ހައިލަމް ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަން ދިން މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. ސްޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް ކަރެކްޝަން ސަރވިސްއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން