މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ވަޒީފާއެއް ނެތި ވަޒީފާގައި އުޅޭކަމުގެ ލިޔުމެއްދީ ދިވެހި ސަރުކާރުން ޝެއިޚް އިލްޔާސް ހުސައިނަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަދާލާތު ޕާޓީގެ އިލްމްވެރިން މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެފައިވަނީ އޭނާގެ ދަރިކަލުން މެލޭޝިއާގައި ކިޔަވަން ހުންނާތީ އެގައުމުގައި މަޑުކުރުމަށް ވިސާ ހޯދަން އެދިގެން އެކަން ނުވުމުން ދިވެހިސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވިކަމަށެވެ. އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އޭނާ މެލޭޝިއާގެ އެމްބަސީގެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން ދީފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަމަވެސް އިލިޔާސް ވިދާޅުވީ އޭނާ މެލޭޝިއާގެ އެމްބަސީގައި ވަޒީފާއެއް އަދާނުކުރަށްވާ ކަމަށާއި، ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯދުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. އިލްޔާސްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށައެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.



ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަކަށް ކަމަށް ބުނެ އުސޫލުން ބޭރުން ވަޒީފާ ދިނުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

"މިކަން ހިނގާފައިވާ ގޮތެއް ބަލަން މިއަދު ވާނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި." އުޝާމް ވިދާޅުވިއެވެ.

މެލޭޝިއާގެ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވިސާ ދޫކުރާ އުސޫލަށް ބަލާއިރު ތައުލީމް ހާސިލް ކުރަން ތިބޭ ކުދިންގެ މަންމަ ނުވަތަ ބައްޕައަށް ވިސާ ދެނީ ކުއްޖާގެ އުމުރުން 18 އަހަރު ނުފުރޭ ނަމައެވެ. 18 އަހަރު ފުރިފައިވާ ކުދިންނާއިއެކު ބެލެނިވެރިން އެގައުމުގައި މަޑުކުރާނަމަ ޖެހެނީ ވަޒީފާ ދޫކުރާ އުސޫލަކަށް ފެތޭ ގޮތަށް ހުންނާށެވެ. ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެމްޕްލޯއީމެންޓް ވިސާ މެލޭޝިޔާ އިން ދެއެވެ. އަދި އެމްބަސީ ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެއުސޫލުން ވިސާ ދޫކުރެއެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހީން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ އެއް ކަމަކީ ވިސާގެ މައްސަލައެވެ. އެގައުމުން އާންމުކޮށް ވިސާ ހޯދުމަކީ އެހާ ފަސޭހަކަމެއްނޫނެވެ.

އިލިޔާސްގެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން