ސްކޫލެއް ރަހުނުކޮށްގެން ދައުލަތަށް ދަރަންޏެއް ނަގަން މަސައްކަތް ކުރާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކުރަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ދަނީ ޚަބަރުތައް ފަތުރަމުންނެވެ. އެގޮތުން އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ރެހެންދި ސްކޫލާއި، އީޕީއެސް އާއި އެމްއީއެސް ހިންގި އިމާރާތް އަދި ސީއެޗްއެސްއީ، ސުކޫކް ވިއްކަން އެސެޓެއްގެ ގޮތުގައި ބަހައްޓަން ނިންމާފައިވާކަމަށް ބައެއް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެއީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސެޓެއްގެ ގޮތުގައި އެއްވެސް ސްކޫލެއް ބޭނުންކޮށްގެން ދައުލަތަށް އެއްވެސް ދަރަންޏެއް މިހާތަނަށް ނަގާފައި ނުވާނެކަމަށެވެ. އަދި ސްކޫލެއް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އެސެޓެއް ރަހުނުކޮށްގެން ދައުލަތަށް ދަރަންޏެއް ނެގުމަކީ މިސަރުކާރުގެ ވިސްނުމުގައިވާ ކަމެއް ނޫންކަމަށާއި، އަދި ކުރާނެކަމެއްވެސް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަން ސުކޫކު ވިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރުވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ބުނެފައެވެ.

ސަރުކާރުން ސްކޫކް ވިއްކުމުގައި ހަދަމުންދާ އެއްބަސްވުންތައް އޮންނަގޮތުން އެފަދަ ލޯނެއް ނުދެއްކުނަސް ދައުލަތުގެ މުދާ ވިއްކައެއް ނުލާނެއެވެ. އޭގެ ބަދަލުގައި އެ މުދަލަކުން ލިބޭ އާމްދަނީން ލޯނު ދައްކާނީ ކަމަށް ފިނޭންސުން ބުފައި ވެއެވެ.

ދައުލަތުގެ އެއްވެސް އެސެޓެއް ރަހުނު ކޮށްފައި ދައުލަތަށް ދަރަންޏެއް ނަގާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން ތަރައްގީކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓާ ރަހުނުކޮށްފައި ސްކޫކެއް އިޝޫކޮށްފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން