މެޑް ޓެކުން ގެނައި 18 ވެންޓިލޭޓަރ އިއްޔެ އެއަރޕޯޓްގައި
މެޑް ޓެކުން ގެނައި 18 ވެންޓިލޭޓަރ އިއްޔެ އެއަރޕޯޓްގައި
އެންމެ ކުޑަ އަގުހުށަހެޅި ބަޔަކާއިމެދު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސުވާލު އުފެދިފައިވާ ހެލްތު މިނިސްޓްރީން ގަންނަ ވެންޓިލޭޓަރ ތަކުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލުކޮށްގެން ގެންނަ ވެންޓިލޭޓަރުތައް ޖޫން މަހުގެ ނިޔަލަށް ގެނެސް ނިމޭނެ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޯވިޑް-19 އަށް ދުރާާލާ ތައްޔާރު ވުމުގެ ގޮތުން ވަރަށް އަވަހަށް ރާއްޖެއަށް ގެންނަން ޖެހޭތީ ކަމަށް ބުނެ ވެންޓިލޭޓަރުތައް ގެންނަން ބަޔަކާ ހަވާލުކޮށްފައިވަނީ ބީލަމަށް ހުޅުވާ ނުލައެވެ. ނަމަވެސް މިއިން އެއްވެސް ކުންފުޏަކަށް އެއްބަސްވި ތާރީޚަށް އެއްވެސް އެއްޗެއް ގެނެވިފައި ނުވާއިރު ވެންޓިލޭޓަރގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި އޭސީސީންވެސް ގެންދަނީ ބަލަމުން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރެއިން 10 ވެންޓިލޭޓަރު މިމަހުގެ 18 ވަނަ ދުވަހު އަދި 25 ވެންޓިލޭޓަރު މިމަހުގެ 25 ވަނަ ދުވަހު ގެންނާނެ ކަމަށެވެ. ބާކީ 40 ވެންޓިލޭޓަރު އަންނަ ޖޫންގެ ނިޔަލަށް ގެންނާނެ ކަން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަބްރޫކް މީގެކުރިން ވިދާޅުވެފައިވާ މިފަދަ އެއްވެސް ތާރީޚެއްގައި ރާއްޖެއަށް ވެންޓީލޭޓަރެއް އައިސްފައެއް ނުވެއެވެ.

ދުބާއީގެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި އެކުގައި ކަމަށް ހެލްތު މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެއެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެފަދަ ލަފައެއް ދީފައިވަނީ ކޮން އުސޫލަކުން ކަމެއް އަމީން ހާމައެއް ނުކުރައްވައެވެ. އެ ކުންފުނިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވެއެވެ.

ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އަޑުފެތުރެމުންދާ މި ދުވަސްވަރު އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރިގޮތް އަނެއްކާވެސް މަބްރޫކް ވަނީ ސާފުކޮށްދެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ އެކުންފުންޏާ މުއާމަލާތްކުރީ ސަރުކާރުން ކަމަށާއި ޑަބްލިޔޫއެޗްއޯ އިން ފާހަގަކޮށްދިނީ ވެންޓިލޭޓަރު ލިބިދާނެ ކުންފުނިތައް ކަމަށެވެ. އެފަަދަ ކުންފުނިތައް ދެނެގަތުމަށް ޑަބްލިޔޫއެޗްއޯގެ އެހީއަށް ސަރުކާރުން އެދުނީ ވެންޓިލޭޓަރު ލިބުން މުޅި ދުނިޔޭގައި ވެސް ދަތިވެފައިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއީ ހެލްތު މިނިސްޓަރ މީގެކުރިން އާންމު ކުރައްވާފައިވާ މައުލޫމާތެއް ނޫނެވެ.

ކޯވިޑް-19 އަށް ތައްޔާރުވުމަށް ޓަކައި ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ. ދުބާއީގެ ކުންފުނީގެ އިތުރުން ވެންޓިލޭޓަރ ގެންނަން ހަވާލުކުރީ މެޑްޓެކް މޯލްޑިވްސްއާއި ނާޑު ކޮމްޕެނީ އާއެވެ. މެޑްޓެކް މޯލްޑިވްސް އާއި ހަވާލުކުރީ 50 އެތި ގެންނާށެވެ. ނާޑު ކުންފުންޏާ ހަވާލުކުރީ 20 ވެންޓިލޭޓަރ ގެނައުމަށެވެ.

މީގެ ތެރެއިން މެޑް ޓެކާއި ހަވާލުކުރި 50 އެތީގެ ތެރެއިން 18 ވެންޓިލޭޓަރ އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން