އަހުމަދު މަސްނޫމް   17 އޯގަސްޓު 2021 - 16:44
އެމްޑީޕީން ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވަރަކަށް އަޅާނުލާކަމަށާއި އަދި ރައީސް ނަޝީދު ދޫކޮށްލާފައިވާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެމްޑީޕީން މިއަދު އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ހިނގަމުންދާއިރު، އެމްޑީޕީގެ ރައީސް ހުންނެވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވިގެން ރާއްޖެ ނާދެވިފައިކަމަށެވެ. އަދި މިކަމުން ދޭހަވަނީ އެމްޑީޕީން ރައީސް ނަޝީދަށް އެއްވެސް ވަރަކަށް އަޅާނުލައި ދޫކޮށްލާފައިވާކަން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން ވަކާލާތު ކުރަމުންދިޔަ އުސޫލުތަކާއި ހިލާފުވެފައިވާކަމަށާއި، ބަޣީންގެ ގޮތުގައި ސިފަކުރި މީހުންނަކީ އެމްޑީޕީ ސަރުކާރުގެ އިސް މީހުންނަށް ހަދާފައިވާކަމަށެވެ.

"ތިބޭފުޅުންގެ ތިލަފަތަށް ކިހިނެތް ވެގެންތޯ މިއުޅެނީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މާލެ ވަޑައިނުގެންނެވިފައި ހުންނެވުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއްކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިން މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރުގައި އުޅުއްވަންޖެހުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި، ހައްޔަރުނުކުރަނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާކަމަށް އެމަނިކުފާނު މިދިޔަ ހަފްތާގައި މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގް އަދިވެސް ނުނިމޭކަމަށް ޕޮލިހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބި މީހުން ނުހޯދެނީސް ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން