މީހުން ދިރިއުޅޭ ރަށްރަށުގައި އުސޫލާއި ހިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާތީ އިންސްޕެކްޝަނެއް ފަށައި، ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ) އިން ބުނެފިއެެވެ.

މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭ އިން ވަނީ ނިއްމާފައެެވެ. އަދި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60 އިންސައްތައަށްވުރެ ވެކްސިން ދީފައިވާ މިންވަރު މަތިވެފައިވާނަމަ ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އުސޫލުތަކާ ހިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު އެ އެޖެންސީއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އުސޫލުތައް ގާއިމުކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާއިން ފެށިގެން އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މި އިންސްޕެކްޝަން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިންސްޕެކްޝަންގައި އިމިގްރޭޝަން، ފުލުހުން، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އާއި އެލްޖީއޭ ބައިވެރިވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން