އެއަރލައިންތަކުން އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލައިފިއެވެ.

ބައިނަލްއަޤްގްވާމީ އެއަރލައިންތަކުން އަފްޣާނިސްތާނަށް ދަތުރުކުރުމާއި، އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލާފައި މިވަނީ، އަފްޣާނިސްތާނުގެ ވެރިކަމުގެ ކޮންޓްރޯލް ތާލިބާނުން ނަގާފައިވާ ދަނޑިވަޅެއްގައެވެ.

ރޮއިޓާސްއިން ބުނާގޮތުން މަތިންދާބޯޓްތަކުން އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އަފްޣާނިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެއަރލައިންތަކަށް އަންގާފައެވެ. އަދި ޓްރާންސިޓްވާ ފްލައިޓްތައް ވެސް އެހެން ބަނދަރުތައް ބޭނުން ކުރުމަށް ވަނީ އަންގާފައެވެ. އަފްޣާނިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާގޮތުން މިފިޔަވަޅަކީ ރައްކާތެރިކަމަށް އެޅި ފިޔަވަޅެކެވެ.

އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުން އެއަރލައިންތަކުން ހުއްޓާލާފައިވާއިރު، އެގައުމަށް އެއްވެސް ކޮމާޝަލް އެއަރލައިނަކުން މިހާރު ދަތުރެއް ނުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުންނާއި، އެހެން ގައުމުތަކުގެ މީހުންނާއި ބައެއް އެޖެންސީތަކުގެ އޮފިޝަލުން އެގައުމުން ގެންދިއުމަށް މިލިޓަރީ މަތިންދާބޯޓުތައް ކާބުލްގެ އެއާރޕޯޓަށް މިހާރު ދަތުރުކުރެއެވެ. އަފްޣާނިސްތާނުން ބޭރުވާން ބޭނުންވާ މީހުން އިންތިހާއަށް އޮތްއިރު، އެކަމާއި ގުޅިގެން ކާބުލްގެ އެއާރޕޯޓް ވަނީ ތޮއްޖެހިގެން ފުރިފައެވެ.

ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސިފައިންނާއި ދެމެދުގެ ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުންތަކަށްފަހު، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކޮށް ވަޑައިގަތުމުން، އަފްޣާނިސްތާނުގައި ވަނީ ތާލިބާނުންގެ ވެރިކަމެއް އުފެދިފައެވެ. ވިއްސަކަށް އަހަރު ވަންދެން އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހަރަދުކޮށްގެން ބިނާކުރި އަފްޣާނިސްތާނުގެ އަސްކަރިއްޔާ ބަލިކޮށްލުމަށް ތާލިބާނުންގެ ހަނގުރާމަވެރިން ނެގީ ކުޑަދުވަސްކޮޅެކެވެ. މިއާއެކު މިހާރު ވަނީ އަފްޣާނިސްތާނުގެ ކުރިމަގާމެދު ސުވާލު އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން