މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމު ހުސްވުމާއި ގުޅިގެން އެމަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މެލޭޝިޔާގައި ފަށައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމަގާމުގައި ހުންނެވި މުޙިއްދީން ޔާސިންއާއި، އޭނާގެ ކެބިނެޓް އިއްޔެ އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.

މީގެ 17 މަސްދުވަސް ކުރިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު މުހިއްދީން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި، އޭނާގެ ޕާޓީއާއި ސަރުކާރުގެ އެކިއެކި އިސް ބޭފުޅުންވެސް އޭނާ މަގާމުން ވަކި ވެވަޑައިގަތުމަށް ގޮވާލަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.



މުހިއްދީނަށްފަހު މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނާނީ ކޮން ބޭފުޅެއްކަމެއް އަދި ނޭނގެެއެވެ. އެއީ މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެއްވެސް ބަޔަކަށް ނެތުމުންނެވެ.

ނަމަވެސް މެލޭޝިޔާގެ ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮތްކަމަށް ރަސްގެފާނަށް ބެލެވޭ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ބޮޑުވަޒީރުގެ މަގާމު ދެވިދާނެއެވެ.

މެލޭޝިޔާގެ ރަސްގެފާން ޢަބްދުﷲވަނީ މުޙްޔިއްދީންގެ އިސްތިޢުފާ ޤަބޫލުކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން ވަޤުތީގޮތުން އެ މަޤާމުގައި ހުންނެވުމަށް އެދިވަޑައިގެންފައެވެ.

މެލޭޝިޔާގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން މެލޭޝިޔާގެ ރަސްގެފާނުވަނީ އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި، ކޯވިޑް-19 ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގައި ޢާންމު އިންތިޚާބެއް ނުބާއްވަވާނެކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާ ބޭފުޅަކު ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ރަސްގެފާނުގެ މި ނިންމެވުމާއި ގުޅިގެން މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވަނީ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރަން ފެންނަ ބޭފުޅެއްގެ ނަން ލިޔުމުން އެންގުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ވެރިކަމަށް އައުން އެންމެ ގާތީ 2018 ވަނަ އަހަރު ވެރިކަމުން ފާބައިވަޑައިގެންނެވި ނަޖީބް ރައްޒާގުގެ ޔޫއެމްއެންއޯ ޕާޓީއެވެ. އެގޮތުން ދެން ބޮޑުވަޒީރުކަން ލިބޭނީ އެޕާޓީގެ މެމްބަރެއްކަމަށްވާ އަދި މިހާރުގެ ބޮޑު ވަޒީރުގެ ނާއިބް ސަބާރީ ޔާގޫބް ނޫނީ އެޕާޓީގެ ސީނިއަރ އެމްޕީއެއް ކަމަށްވާ ހަމްޒާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން