ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ތިމަރަފުށީ ކައުންސިލާ މިރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ މިރޭ ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. ތިމަރަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ދިމާވެފައިވާ ބައެއް ދަތިތަކާއި ގުޅޭ ގޮތުން ރައީސާ މައުލޫމާތު ހިއްސާކުރައްވާފައެވެ.





ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީ ކައުންސިލުގެ މެންބަރުން ވަނީ ރަށް ގިރުމުގެ މައްސަލައާއި، ރަނގަޅު ސިއްހީ ނިޒާމެއް ނެތުމާއި، ފަތުރުވެރިކަން ތަރައްގީ ކުރުމާއި، މަގު ހެދުމުގެ މަސައްކަތާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަދި އިޤްތިޞާދީގޮތުން ނަފާ ހޯދުމުގެ ކަންކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެެވެ. އަދި ތިމަރަފުށީގެ ތަރައްގީގެ މަޝްރޫއުތައް ރޭވިފައިވާ ގޮތާއި، މިހާރު ކުރެވޭނެ ކަންކަމާއި، މެދުރާސްތާ އަދި ދުރު ރާސްތާގައި ކުރެވޭ ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ތިމަރަފުއްޓަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށާއި މިހާރު ހުރި ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވަނީ ތިމަރަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާވެސް ބައްދަލު ކުރައްވާފައެެވެ. އެ ކޮމިޓީގެ ކަންބޮޑުވުންތައް މެމްބަރުން ވަނީ ރައީސަށް ހިއްސާކުރައްވާފައެވެ.

ރައީސް ޞާލިޙު ތިމަރަފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ޝަރަފުގައި ފަރިއްކޮޅެއްދެއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން