ބަންޑާރަ ނާއިބް އިބްރާހީމް ރިފްއަތު
ބަންޑާރަ ނާއިބް އިބްރާހީމް ރިފްއަތު
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ބަންޑާރަނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވާތީ ގާނޫނު އަސާސީ އިސްލާހު ކޮށް، ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް ސަރުކާރުން ހުށައެޅި ގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް" މަޖިލީހަށް ބަލައިގަނެ އެ ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް މިހާރުތިބި ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވީ މިބިލަށް ގެންނަން ފެންނަ އިސްލާހެއް އޮތް ނަމަ ހުށަހެޅުއްވުމަށް މަޖިލީހުން ބަންޑާރަ ނާއިބުގެ އަރިހުގައި ސިޓީއަލުން އެދުމުން ބަންޑާރަ ނާއިބް ދެއްވި ޖަވާބުގައެވެ.

އެ ސިޓީގެ ޖަވާބުގައި ބަންޑާރަ ނާއިބް ރިފްއަތު ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނީ އެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިހާބުކުރެވޭ ބަޔަކަށް ކަން އެ މާއްދާތަކާއި ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ހިމެނޭ އެހެން މާއްދާތަކުން އެނގެން އޮންނަ ކަމަށެވެ.

އެހެން ކަމުން މިހާރު ކައުންސިލްތަކުގައި ތިބި މެމްބަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލްތަކާ ތައާރަޒުނުވާ ގޮތަކަށް ގާނޫނީ ހަމަތަކުގެ މަތިން އެކަން ކަނޑައެޅުއްވުމަށް އޭޖީގެ ލަފާގައިވެއެވެ.

ރިފްއަތު ވިދާޅުވީ ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި އެ މާއްދާ އަށް އަމަލުކުރާ އުސޫލް ކަނޑައަޅައިދީފައި ވަނީ ގާނޫނުއަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިން ކަމަށާއި، އެހެން އޮއްވައި މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ބަންޑާރަ ނާއިބް ވިދާޅުވެފައި ވެއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ ހަސަން ލަތީފުގެ ބިލު ފާސްކޮށްފި ނަމަ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމްކޮށްފައިވާ އުސޫލްތަކާއި އިޖުރާއަތުތަކާ ހިލާފުވީ ކަމަށެވެ.

މިކަމުގައި އޮތް ގާނޫނީ ހައްލަކީ ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް، އާ މެމްބަރުން އިންތިހާބު ކުރެވެންދެން ކައުންސިލްތަކުގައި މިހާރު ތިބި މެމްބަރުން މަގާމްތަކުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުން ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް އޭޖީގެ ސިޓީގައި ވެއެވެ.

ސަރުކާރުން ގާނޫނު އަސާސީއަށް އެ އިސްލާޙު ހުށައެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދެވީ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުން ނުވާކަން ދޭހަވާގޮތަށް މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މަޖިލީހުގެ ބަހުސްގައި، ބައެއް މެމްބަރުން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް، އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތައް ހިންގުމަށެވެ. ނުވަތަ ރައީސް އައްޔަން ކުރައްވާ ބަޔަކު ކައުންސިލްތައް ހިންގުމަށް ތިބުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން