ޒަހީނުއްދީން ސަޢީދު   18 އޯގަސްޓު 2021 - 21:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތ. އޮމަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އޮމަދޫ ބަނދަރު ހެދުމަށް ހިންގި މަޝްރޫޢަކީ 36،510،034.29 ރުފިޔާއަށް، ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ރައީސް ސާލިޙު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހެދި ބަނދަރު ހުޅުއްވައިދެއްވީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު ކެމްޕޭންގައި އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ އެރަށުގައި ބަނދަރެއް ހެދުން ކަމަށެވެ. އަދި އެރަށައް ދިމާވެފައި އޮތް، ލަފާ ފުރުމުގައި ހުރި ދަތިތަކަށް ހައްލުތަކެއް ހޯދައިދިނުމަށް ކުރީ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައި ނުވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޮމަދޫގެ ބަނދަރުގެ މަޝްރޫޢު ފަދައިން، ރަށުގެ ރައްޔިތުން ބޭނުންވާ އުމްރާނީ ތަރައްޤީގެ އިތުރު މަޝްރޫޢުތަކުގެ މަސައްކަތްވެސް މި ސަރުކާރުން ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ‏އެގޮތުން އޮމަދޫގެ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑްކޮށް، އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިން ފަށައިގެން ކުރިއަށްގެންދާކަން ރައީސް ފާހަގަކުރެއްވިއެެވެ. ‏އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އޮމަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެެވެ. ރައީސް މިހާރު ވަނީ އެ އަތޮޅު ތިމަރަފުށްޓާއި، ކިނބިދޫއަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން