ރާއްޖޭގައި ފާމަސީތަކުން ވިއްކާ ބޭހުގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެކަން ބަލައިދިނުމަށް އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ނަފާ ނަސީމް ވިދާޅުވީ ބޭހުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމަށާއި، އިއްޔެ 45 ރުފިޔާއަށް ހުރި ސިރަޕް 100 ރުފިޔާ އަށް މިއަދު ބަދަލުވަމުންދާ ކަމަށެވެ. އަދި ބޭހުގެ އަގު ކަނޑައަޅަނީ ސަރުކާރުން ކަަމަށް ފާމަސިސްޓުން ބުނަމުންދާ ކަމަށާއި، ސަރުކާރުން ކަނޑައަޅާ އަގުތައް ބެލޭނެ ގޮތެއްވެސް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ.



"މުދަލުގެ އަގުޖަހަން ގަވާއިދެއް ވެސް އޮވޭ، ބައްލަވާ ދެއްވާ." ނަފާ ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފާމަސީތަކުން ވިއްކާ ބޭހުގެ އަގު އިންތިހާއަށް އުފުލެމުންދާކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ފެތުރެމުންދާ މި ވާހަކަތަކާއި ގުޅިގެން ހެލްތް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި އާސަންދަ ތަޢާރަފުކޮށް ގިނަ ބޭސްތައް ސަރުކާރު ބަޖެޓުން ޚަރަދުކޮށްގެން ލިބޭ ގޮތަށް ހަމަޖެހުނު ހިސާބުން ރާއްޖޭގެ ފާމަސީ ތަކުގައި ވިއްކާ އާދައިގެ ބޭސްތައް ވެސް ވަނީ އެތައް ގުނަ އަކަށް ބޮޑުކޮށްފައެވެ. އެގޮތުން ބައެއް ބޭސްތައް ކުރިއާ އަޅާބަލާއިރު ހަތަރު ފަސް ގުނަ ބޮޑުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ބޭސްފިހާރަތަކުން ބުނަނީ ބޭސް ވިއްކަނީ ސަރުކާރުން ކަނޑައަޅާ އަގުތަކެއްގައި ކަމަށެވެ. ނަމަވެސް އެއަގު ސަރުކާރުން ކަނޑައަޅަނީ ކޮން ގޮތަކަށް ބަލާފައި ކަމެއް ނޭނގެއެވެ. ބައެއް ފަރާތްތަކުން ބުނަނީ އާސަންދަ ތަޢާރަފު ކުރި ހިސާބުން ފެށިގެން ބޭހުގެ އަގު އިންތިހާއަށް ބޮޑުކުރުމަކީ ބޭސް ވިއްކާ ފަރާތްތަކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހިންގާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން