ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު ގޮވާލައްވައިފިއެވެ.

އިދިކޮޅު ލީޑާޝިޕްގައި ހިމެނޭ ބޭފުޅުން ކެމްޕެއިން ކުރުމަށް އަތޮޅުތަކަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލިސް އޮތީ ޑެޑްލޮކެއްގައި ކަމަށާއި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައި އެ ފުރުސަތު އެހެން ބޭފުޅަކަށް ދޭންޖެހޭ ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު އެނބުރި ރާއްޖެ ނުގެންނަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކު ހޮވާކަމުގައިވަނީ ނަމަ އެ ފުރުސަތު އެމްޑީޕީ ނޫން ޕާޓީއެއްގެ މެންބަރަކަށް ދޭން ޖެހޭނެ ކަމަށެވެ. އޭރުން ހުރިހާ ބާރެއް އެއްވެފައި އޮތް އޮތުމަށް ލުއެއް ލިބިގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ޖަރުމަންވިލާތުން ބޭސް ފަރުވާ ކުރެއްވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން