ކޮޅުމަޑުލުގެ ރަށްރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު އިއުލާންކުރައްވައިފިއެވެެ.

ތ. ޢަތޮޅުގައި ސަރުކާރުން ހިންގަން ނިއްމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ހާމަކުރެއްވީ ތ. އޮމަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް ވަނީ އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ.

އެގޮތުން ބުރުނީގައި ފެނާނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކާއި އެރަށު ސްކޫލުގައި 6 ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މިމަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށާއި މީގެ އިތުރުން ފުޓްސަލްދަނޑާއި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮޅުމަޑުލު މަޑިފުށީ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނިމި، އެރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކޮށްފައިވާކަމަށާއި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލާފައި ވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި އެެރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށާ އަދި ވޮލީ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިފުށީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަންކަން ފާހަގަކުރައްވައި އެރަށުގައި ޤާއިމުކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، އެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކޮޅުމަޑުލު ކިނބިދޫއާ ހިރިލަންދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެ ދެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެމްޓީސީސީން ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތި ވެފައިވާ އެންމެބޮޑު އިޖުތިމާޢީ ދެ މައްސައަކީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލަކަށްފަހު ޖީލެއް ހަލާކުވަމުންދާކަމަށާއި މި ދެ ކަމުން ކުދިން ސަލާމަތްކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދެކަން ހުއްޓުވުމަށް ސަރުކާރުން މިހާރު ޕްލޭންތައް އެކުލަވާލާފައި ވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ދެ ކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ އެންމެ ކުޑައިރުން ފެށިގެން ކުދިން އިސްލާމްދީނުގެ ޞައްޙަ އަޤީދާގައި ތަރުބިއްޔަތުކުރުމަށް ތަޢުލީމު ދީ މުޖުތަމަޢުގައި ހުރި އެފަދަ ނުރަނގަޅު ކަންކަމާ ކުދިން ދުރުކުރުމަށް ބާރުއަޅައި މުޅި މުޖްތަމައު އެކުގައި މަސައްކަތް ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން