އެހެން ގައުމުތަކަށް ދިއުމަށް ރާއްޖެއަކީ ޓްރާންސިޓު ގައުމެއްގެ ގޮތުގައި ބޭނުން ކުރަން ބޭނުންވާ މީހުންނަށް ނުވަތަ ކަރަންޓީނުވުމަށް ރާއްޖެ އަންނަ މީހުންނަށް ފޭކް ބުކިން ހައްދައިދޭ މައްސަލަ ހުއްޓުވައި އުސޫލުތައް މުގުރާލާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފިއެވެ.

ތ. އޮމަދޫގައި ސަރުކާރުން ތަރައްގީކުރި ބަނދަރުގެ މަސައްކަތް ނިންމާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ ރާއްޖޭގައި އަލުން ކޮވިޑް ފެތުރުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެން ކަމަށެވެ. ޚާއްޞަކޮށް ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން މިކަމުގައި އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކޮށްދެއްވުމަށް އެ ފަރާތްތަކަށް ރައީސް ސާލިޙު ވަނީ ގޮވާލައްވާފައެވެ.

ރައީސް ސާލިޙު ވިދާޅުވީ ކޮވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާ އެހެންކަމުން ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެތަންތަނުގެ އިސްޕެކްޝަނެއް ކުރިޔަށްގެންދަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދުން ފެށިގެން އިންސްޕެކްޝަނެއް އެބަ ފަށްޓަން، ރާއްޖޭގެ ގެސްޓްހައުސްތަކުގައި. މީހުން ތިބީ ރަނގަޅަތޯ ބަލަން.  އަދި ޓުއަރ އޭޖެންޓުން މީހުން ގެނެސްފައި ތިބީ ރަނގަޅަށް ބުކިންގ ހަދައިގެންތޯ. އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ވަކިވަކި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން ގެނެސް، އެކިއެކި އަމިއްލަ ގޭގޭގައި މީހުން ބައިތިއްބާ ވާހަކަވެސް. އެއީކީއެއް އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. މިކަން މުގުރާލައި، މިއާ އިދިކޮޅަށް ކަންތައްކުރާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުވެސް އަޅާނަން. އެހެން ނޫންނަމަ، އެނބުރި ކުރީގައި އޮތް ތަނަށް، ކޯވިޑުގެ އެ ދަތި އުނދަގުލުގެ ތެރެއަށް އަޅުގަނޑުމެންނަށް ދެވިއްޖިއްޔާ، މިއިން އަރައިގަތުމަކީ އަނެއްކާވެސް ވަރަށް ބޮޑު އުނދަގުލަކަށް އަޅުގަނޑުމެންނަށް ވެގެންދާނެ." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޮވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގެންފައެވެ. ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެބަލި ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ދެން އެންމެން އެކުގައި މަސައްކަތްކުރަންވީ އިތުރަށް ފަހަތަށް ނުގޮސް މި ލިބުނު ކާމިޔާބީގައި ހިފެހެއްޓުމަށް ކަމަށެވެ.

ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2020 ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަނދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ އުނިކަން ފޫބެއްދުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން