ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ހަމަލާއަށް ފަހު ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބަލައި އަދި އެމަނިކުފާނު ތަމްސީލުކުރެއްވުމަށް އައްޔަން ކޮށްފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ވަކީލަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކްރިސްޓީ ބްރައިމްލޯ ކިޔާ އަންހެން ވަކީލަކު ވަނީ ހަމަޖައްސާފައެވެ.

އޭނާ އަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މަޝްހޫރު ކަނބަލެކެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އޭނާގެ ތަޖުރިބާގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް އެ ހަމަލާ ރާވާ ހިންގައި އަދި ފަންޑުކުރި މީހުން ހޯދުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަަމަށް އެބަޔާނުގައިވެއެވެެ.

ރައީސް ނަޝީދުގެ ވަކީލަށް މަޖިލީހުން އެއްވެސް ހަރަދެއް ކުރޭތޯ ސުވާލުކުރުމުން މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މީގެ ކުރިން މަންދޫބެއް ވަނީ ހަމަޖައްސާފައެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ މުޙަންމަދު ނުވަތަ ޢަބްދުﷲ ގާޒީ އުސޫލުން ބޭރުން ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ މަތީ ކޯޓުތަކުގެ މަރުހަލާ ތަކުގައި ވެސް ބޭރުގެ ވަކީލަކު ވަނީ މަސައްކަތް ކުރަށްވާފައެވެ. އެފަހަރު ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އައްޔަން ކުރެއްވި އާމާލް ކްލޫނީއަކީ ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރަށްވާ އަދި އެފަދަ މައްސަލަތަކުގައި ވަކާލާތު ކުރެއްވުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި މަޝްހޫރު ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން