ރާއްޖޭގެ ދީނީ އިލްމްވެރިންނަށް ސިޔާސީ ވާހަކަ ދެއްކޭނެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

އަދާލާތު ޕާޓީއަށް 16 އަހަރުން ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ދީނީ އިލްމްވެރިންނަށް ސިޔާސީ ވާހަކަ ނުދެއްކޭނެ ކަަމަށް ބައެއް މީހުން ބުނަމުންދާކަމަށާއި އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ދީނީ އިލްމްވެެރިންނަށް ސިޔާސީ ކަންކަމާއި އިގްތިސާދީ ކަންކަމާއި ބެހޭގޮތުން އަދި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއި ބެހޭގޮތުން ބަސްބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ.އިޔާޒް ވިދާޅުވިއެެވެ. ދީނާ ސިޔާސަތު އެއީ އެކައްޗެއް ކަމަށާއި އެދޭތި ވަކި ނުކުރެވޭނެ ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

"އިންޖިނޭރަރުންނަށް ދީނީ ގޮތުން ނުވަތަ މެޑިކަލީ ގޮތުން އެމީހުންނަށް އެގޭ އެއްޗެއް އެހެން މީހަކަށަ ބަޔާން ކުރުމުގެ ފުރުސަތު އޮތް ފަދައިން ދީނީ އިލްވެރިންނަށް ސިޔާސީ ކަންތައްތަކުގައި ވެސް އަދި އެހެނިހެން ދިރިއުޅުމުގެ އެހެން މައިދާންތަކުގައި ވެސް ހަރަކާތްތެރިވުމުގެ ފުރުސަތަކީ އޮތް ފުރުސަތެއް." އިޔާޒް ވިދާޅުވިއެވެ.



އިސްލާމްދީނުގައި ސިޔާސީ ގޮތުން ވިޔަސް އިގްތިސާދީ ގޮތުން ވިޔަސް ހަނގުރާމައިގެ މައިދާން ނުވަތަ އިޖްތިމާއީ މައިދާނުގައި ވެސް ކަންތައްތަށް ކުރަންވީ ގޮތާއި އެކަން ކުރަންވީ އެންމެ ކާމިޔާބު ގޮތާއި މަސްލަހަތު ރަނގަޅު ގޮތް ބަޔާން ކޮށްދީފައިވާ ކަމަށް އިޔާޒް ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ ސީރަތުން މިސާލު ދައްކަވަމުން އިޔާޒް ވިދާޅުވީ އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމަކަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އެކަލޭގެފާނުގެ އަރިހަށް މައްސަލައެއް ހުށައެޅުމުން ތިޔައީ ސިޔާސީ ކަމެކޭ ތިމަންކަލޭގެފާނަކީ ދީނީ އިލްމްވެރިއެކޭ ހަދީސް ކުރައްވާފައިވާ ނުވާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އެގޮތުން އެކަލޭގެފާނު ސިޔާސީ ކަންތައްތަކާއި އިގްތިސާދީ އިޖްތިމާއީ ކަންކަމަށް ފަރުވާ ހޯއްދަވައި ދެއްވާފައިވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ދީނާ ސިޔާސަތަކީ ދޭއްޗެކޭ ބުނެ ދީނީ އިލްމްވެރިންނަކީ މިސްކިތުގައި ބަންގި ގޮވަން ތިބޭ ބަޔެއްް ކަމަށް ގޮވާލާ، ތިބޭ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ ތިޔަ ވިދާޅުވެވެނީ ރަނގަޅު ވާހަކަ އެއް ނޫނޭ. ތިޔަ ވާހަކަ މުރާޖަައާ ކުރައްވައި އަޅުގަނޑު މި ދެއްކި ވާހަކަ ދެތިން ފަހަރަކު އަޑު އަހާލައިގެން ތިބޭފުޅުން މައުލޫމާތު މުއްސަނދި ކުރައްވާށޭ. މި ނޫންވެސް މިކަމާ ގުޅޭގޮތުން އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަށް ދިރާސާ ކުރައްވައިގެން ތިބޭފުޅުންގެ މައުލޫމާތު ތާޒާ ކުރައްވާށޭ." ގައުމީ ޔުނިވަސިޓީގެ އެސިސެންޓެންޓް ޕްރޮފެސަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރަށްވާފައިވާ ޑރ. އިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން