މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރިއިރު، ރާއްޖެއިން ހޯދާފައިވާ އިގުތިސާދީ ކުރިއެރުމަކަށް އެއްވެސް ވަރަަކަށް ބަލާފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސުން ބުނީ، ކޯވިޑާއި ގުޅިގެން އިގްތިސާދަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ، ނަގާފައި ހުރި ހުރިހާ ދަރަންޏެއްވެސް ދެއްކޭ ހާލަތުގައި ކަމަށެވެ. އެގޮތުން ސަރުކާރުގެ ބޭރުގެ ދަރަނީގެ އެވްރެޖު އިންޓްރެސްޓް ރޭޓު އަދިވެސް އުޅެނީ 3.5 ޕަސެންޓުގައިކަމަށާއި ރާއްޖެއިން ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ސޮފްޓް ލޯންތައް ބޭރުގެ ފަރާތްތަކުން ހޯދަން މަސައްކަތް ކުރުމުގެ އިތުރުން ޑެޓް ކެޕިޓަލް މާކެޓުތަކުގައިވެސް ހަރަކާތްތެރިވަމުން ގެންދާނެއެވެ.

ފިނޭންސުން ބުނީ، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 32 ޕަސެންޓު ދަށްވިނަމަވެސް މި އަހަރު ރާއްޖޭގެ ޖީޑީޕީ 22.7 ޕަސެންޓަށް ކުރި އަރާނެކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރަމުން ދިޔުމުން މޫޑީސްއިން ވަނީ ގައުމުގެ ކްރެޑިޓް އައުޓްލުކް ނެގެޓިވް އިން ސްޓޭބަލަށް މަތިކޮށްފައިކަން ފިނޭންސުން ފާހަގަ ކުރެއެވެ.

ފިނޭންސުން ބުނީ މޫޑީސްގެ ރޭޓިންއާ ގުޅިގެން ރާއްޖޭގެ އިންވެސްޓަރުންނާ ކުރަން ޖެހޭ މަޝްވަރާތައް ކުރާނެ ކަމަށެވެ. އަދި ތަރައްގީގެ ޕްލޭންތަކުގެ އަޕްޑޭޓް ހިއްސާކޮށް، ކުރިޔަށް އޮތް ހަފުތާއިން ފެށިގެން އިންވެސްޓާ ކޯލްތަކެއް ކުރާނެކަމަށްވެސް ފިނޭންސުން ބުނެއެވެ.

މޫޑީސުން ބުނި ގޮތުގައި މިދިޔަ އަހަރާއި މިއަހަރުވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރަން ޖެހުނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި އަނބުރާ ދެއްކޭނެ ވަސީލަތްތައް މަދު ކަމަށް ލަފާ ކުރެވޭތީއެވެ. މިއީ މޫޑީސްގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މާލީ އިދާރާތަކުން ވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ނަމަވެސް ފިނޭންސުން އެއްވެސް ވަރަަކަށް މިކަން ގަބޫލެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން