މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެންމެ 3 މައްސަލަކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެންމެ 3 މައްސަލަކަމަށް އޭސީސީން ބުނިއިރު، ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދެއް، ނުވަތަ އެކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުގެ އަދަދެއް ހާމައެއް ނުކުރެއެވެ.

ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލައާއި، ވެމްކޯއަށް ހެވީ ވެހިކަލް ހޯދުމަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނާ މައްސަލައާއި، އެސްޓީއޯއިން 2018 ވަނަ އަހަރު ދައުލަތަށް ގެއްލުންވާގޮތަށް ބޭސްތަކެއް އެތެރެކުރި މައްސަލައެވެ.

އޭސީސީން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެންމެ 3 މައްސަލަ ދައުވާކުރަން ހުށަހެޅުނުއިރު، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދައުލަތުގެ ތެރެއިން ވަނީ ފެންމަތިވެފައެވެ. އަދި ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން