ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ވަންދޫގެ މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރު ވަންދޫ މަސްވެރިންނާއިއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.

މިގޮތުން މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާގޮތް ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާކަމުގައި ވިދާޅުވިއެވެ. އަދި ތ. ފޮނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރަށު ކައުންސިލް އިދާރާއަށާއި ވަންދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން