ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް މޫސާ ސިރާޖު
ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް މޫސާ ސިރާޖު
ހެއްކާއެކު ހުށައެޅުމުން ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލް މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެކި ހޯދުމަކީ ތަހުގީގުކުރާ ފަރާތުގެ ކަމެއްކަމަށާއި ހެއްކާއެކު ހުށައެޅުމުން ޕީޖީ ދައުވާ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައި މައްސަލަ އުޅޭކަން ދިފާއީ ވަކީލެއްގެ ގޮތުގައި އުޅުއްވިއިރު އަބަދު ވެސް ފާހަގަވާ ކަމަށާއި އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ތިން ޓޫރިސްޓަކަށް ހަމަލާދިން މައްސަލަ ތަކަކާއި ގުޅިގެން ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމުން އެމީހުން ދޫކޮށްލަންޖެހުމާ ގުޅިގެން އެކަމަށް ފާޑުވުދާޅުވެ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ފުލުހުންގެ ތަހުގީގު ރަނގަޅު ކަމަށެވެ.

ނަމަވެސް އެމައްސަލާގައި ހައްޔަރުކުރި ފަރާތްތައް މިމަހުގެ 6 ވަނަ ދުވަހު ދޫކޮށްލާފައިވަނީ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިދިޔަމަހު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެއީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން އެނގިފައިވާ ކަމަށެވެ. ރިޔާޒު ވިދާޅުވެފައިވަނީ އެ ހަމަލާ ދިނުމުގައި ބައިވެރި ވެފައިވަނީ އަމަލީ ގޮތުން ހަތަރު މީހެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެމީހުން ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުތައް ހޯދައި، އެ ސައިކަލުތަކުގައި ބޭނުންކޮށްފައިވާ ނަން ބޯޑުތައް ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހުން ދިރިއުޅޭ ގެތައް ބަލައި ޗެކްކުރިއިރު އެމީހުން ގެންގުޅުނު ވަސީލަތްތަކުން ޓެރަރިޒަމަށް ހިތްވަރުދޭ ތަކެއްޗާއި ހަމަލާއާ ބެހޭ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމައްސަލާގައި ހިމެނެނީ އަށް މީހެކެވެ. ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ހޯމް މިނިސްޓަރގެ އެދިވަޑައިގަތުމުގެ މަތިން މޮނިކޮން އަމުރު ނެރެ އެމީހުންގެ ފައިގައި ޓެގް އެޅުވުމަށް އަމުރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން